ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން އެމްޑީޕީން މެންބަރުން އެ ކަމަށް ހުރަސް އަޅުއްވަމުން އެބަގެންދަވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަފީފުކަން އިދާރީ މޭޒުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ އިއުލާންކުރެއްވި ހިސާބުން އެމްޑީޕީ މެންބަރުންތަކެއް ރިޔާސީ މޭޒުގެ ކުރިމައްޗަށް އެއްވެ، ދުންމާރި އާއި ތާޅަފިލި ގޮއްވައި އަޑުގަދަ ކުރައްވައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ. އެމްޑީޕީ ބައެއް މެންބަރުން ވަނީ މަޖިލީހުގެ އަމީން އާއްމު އެކަން އިއުލާން ކުރުމަށްވެސް ހުރަސް އަޅުއްވައިފައެވެ. މައިކު ކަނޑުއްވައިލައްވައިފައެވެ.

ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމަށް އަމީން އާއްމު އަފީފަށް ދެންނެވިއިރު، ރިޔާސަތުގައި ހުންނަ ގޮނޑިއަށް އަފީފު ވަޑައިގަތަ ނުދިނުމަށް، ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަޑައިގެން އިންނެވީ އެ ގޮނޑީގައެވެ. ރިޔާސަތަށް ވަޑައިގަތުމަށް ޓަކައި އަފީފު އެ ގޮނޑީގެ ކުރިމައްޗަށް، ރައީސްގެ މޭޒުކޮޅަށް ވަޑައިގެންނެވުމުން ނިހާދު އަފީފަށް ހުރަސް އަޅުއްވައި ކޮއްޕަވައި ހެއްދެވުމުގެ ތެރޭގައި ގޮނޑިއާއެކު ނިހާދު ފަތަށް ވެއްޓިވަޑައިގަތެވެ.

ދެން އަފީފު މަސައްކަތް ކުރެއްވީ ކޮޅަށް ހުންނަވައިގެން ޖަލްސާ ފެއްޓެވުމަށެވެ. އެގޮތުން ރައީސްގެ މޭޒުކޮޅުގައި ހުރި މައިކުން އަފީފު ވާހަކަ ދައްކަން މަސައްކަތްކުރައްވަން ފެއްޓެވުމުން ނިހާދު ތެދުވެވަޑައިގެން އެކަމަށް ހުރަސް އަޅުއްވައި، މައިކު ކަނޑުއްވައިލައްވައި އެޖެންޑާ ވެސް އެއްލަވައިލެއްވިއެވެ.

އެ ދެ މެންބަރުންގެ މެދުގައި އެކަންތައްގަނޑު ހިނގަނިކޮށް ދެން އެތަނަށް ވަޑައިގެންނެވީ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ. ރާޝިދާއެކު ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް އަފީފު އަރިހަށް ވަޑައިގެންނެވިއެވެ. ފެނުނު ގޮތުގައި އާޒިމް މަަސައްކަތް ކުރެއްވީ މައްސަލަ ހައްލު ކުރެއްވުމަށެވެ. ނަމަވެސް އޭގެ ފަހުން އެމްޑީޕީގެ އިތުރު މެންބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވިއެވެ. އެންމެ ފަހުން އަލީ އާޒިމް އަފީފު ގޮވައިގެން ރިޔާސަތުގެ ތިރިއަށް ވަޑައިގެން ރިޔާސަތުގެ މޭޒާ ދިމާލުން ހުރި ދޮރުން ބޭރަށް ނިކުންނެވިއެވެ.

ރައްޔިތުންގެ މަޖިލިސް ތެރޭގައި އެމްޑީޕީން އިހުތިޖާޖު ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހު، ބޭއްވި މަޖިލީހުގެ ޖަލްސާއަށް އެެޖެންޑާކުރި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީއެވެ.

އެ މައްސަލަ އާދިއްތަދުވަހުގެ ޖަލްސާގައި ކުރިއަށް ނުދިޔައީ، ޑެންގޫގެ އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބު ރައީސް ސަލާމް ފޮނުއްވާފައިވާތީއެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށްވެސް އެޖެންޑާކުރިއެވެ. ނަމަވެސް ނާއިބު ރައީސް ސަލާމުގައި ހުންނެވުމުން އިއްޔެގެ ޖަލްސާވެސް ވަނީ ކެންސަލް ކޮށްފައެވެ.

މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. އަދި ނާއިބު ރައީސް މަގާމުން ވަކި ކުރާ މައްސަަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އެއްވެސް ކަމަކާ ގުޅިގެން އެއިން ބޭފުޅަކަށް ރިޔާސަތު ނުބެލެހެއްޓިއްޖެ ނަމަ ދެން ކަންތައް ކުރަންވާގޮތެއް އެ މާއްދާގައި ބުނެފައެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި، ގާނޫނުއަސާސީގެ ދަށުން އެކަމަށް ކަނޑައަޅާފައިވާ މަޖިލީހުގެ ފަސް މެންބަރުންގެ ތެރެއިން މެންބަރަކަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް މަޖިލިސް ގަވައިދުގެ 44 ވަނަ މާއްދާގައި ބުނެފައިވެއެވެ.

އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްނުދާތީ، ނުރުހުން ފާޅުކޮށް އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރަނީ، ނައިބު ރައީސް ރިޔާސަތަށް ވަޑައިނުގެންނެވި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެއެވެ. އެ ބޭފުޅުން އުޒުރަކަށް ދައްކަވަނީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާ އެވެ. ނަމަވެސް އެގޮތަށް އެކަން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ވަނީ ނިންމަވައިފައެވެ.

ނަމަވެސް އަމީން އާއްމު ވިދާޅުވީ، އިތުބާރު ނެތްކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާތީ، މަޖިލިސް ގަވައިދުގައި ބުނާގޮތުގެމަތީން އެ މައްސަލަ މަޖިލީހަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގެ އެޖެންޑާއިން އެ މައްސަލަ އުނިކޮށް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެމްޑީޕީ މެންބަރުން މިއަދުގެ ޖަލްސާގައި އިތުރަށް ރުޅި ގަދަވެފައިވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ނުވާތީއެވެ. އެ މެންބަރުން ޑިމާންޑް ކުރައްވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. މަޖިލިސް ގަވާއިދުގައިވެސް އެގޮތަށް ބުނެފައިވެއެވެ.