ރާއްޖެއިން ކަނޑުގެ ސަރަހައްދެއް ގެއްލުނު މައްސަލަ އާއި އިންޑިއާ ސިފައިންގެ މައްސަލަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގެ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް އެކުލަވާލައި ރައްޔިތުންނަށް ދެއްވަންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ގޭ ބަންދަށް ބަދަލުކޮށް، ލުއިދިން ފަހުން، ޕީޕީއެމްގެ ޖަލްސާއެއްގައި ފުރަތަމަ ފަހަރަށް ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ އެންމެ ބޮޑު ދެ މައްސަލައަކީ މޮރިޝަސްއަށް ކަނޑުވިއްކާލި މައްސަލަ އާއި އިންޑިއާ ސިފައިގެން މައްސަލަ ކަމަށެވެ. އެ ދެ މައްސަލަ އާ ސަރުކާރުން ހައްލުކޮށްފިނަމަ، އެވަރުން ފުދޭނެ ކަމަށެވެ. އެވަރުން ރައްޔިތުން ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކުސް ދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބިމަކީ ވަރަށްވެސް ވަރުގަދަ ތަނެއް ކަމަށާއި ރާއްޖޭން ވަނީ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ދޫކޮށްލާފައި ކަމަށެވެ. އެކަން ކުރީ "ލޯމަރާލާފައި ލޯހުޅުވާލުންހާ ފަސޭހަ ކަމެއްގެ ގޮތުގައި" ކަމަށް ޔަމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ސަރަހައްދު އަތުގައި އޮތުމާއި ފުރިހަމަ އިސްތިގުލާލާއި މިނިވަންކަން އިޔާދަކުރުން ކަމަށެވެ. އެއީ ޝައްކެއްވެސް ނެތް ގޮތުގައި ﷲ ބަރަކާތް ލައްވާނެ މަސައްކަތެއް ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިހާރު ހޮވިފައި މިހުރި އަޅުގަނޑުމެންގެ ރައީސަށް (ޑރ. މުއިއްޒު) އެންމެ ފުރަތަމަ ކުރައްވަން ޖެހޭ ކަމަކީ މިދެންނެވި ދެ މަސައްކަތް. އަދި ރައްޔިތުންނަށް ދޭތެރެ ދޭތެރެއިން އިއުލާނު ކުރައްވަންޖެހޭ ކުރައްވާ މަސައްކަތުގެ ސްޓޭޓަސް. ކިހާވަރެއްގެ ޕްރޮގްރެސްއެއް އެބައޮތްތޯ،" ޔާމީން ވިދާޅުވިއެވެ.
"މިހާރުގެ ރައީސް އެކި ކަންކަން ކުރައްވާނެ ގޮތް އެބަ އިއުލާނު ކުރައްވާ، ހައްތަހާވެސް ރައްޔިތުންނަށް ފައިދާހުރި ކަންކަން. އެންމެ ޝައުގުވެރިކަމާ އެކު އަޑުއަހަން ބޭނުންވާ ދެކަމަކީ މިކަންކަން. ކަނޑުގެ ސަރަހައްދު ގެއްލުނު މައްސަލައިގައި ކިހާވަރެއްގެ މަސައްކަތެއް އަޅުގަނޑުމެން ކުރަންތޯ، ކިހާވަރެއްގެ މަސައްކަތެއް ކުރެވިދާނެތޯ، ކޮބާތޯ ތާވަލަކީ، ހަމަ އެގޮތަށް އިންޑިއާގެ އަސްކަރިއްޔާ މިތަނުން ބޭލުމަށްޓަކައި ކުރެވޭ މަސައްކަތަކީ ކޮބައިތޯ ކޮބައިތޯ ތާވަލަކީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެކަންކަން ނުކުރެއްވޭނަމަ، އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ޓީޝާޓްގައި "އިންޑިއާ އިން" ޖަހައިގެން ނުކުންނަވަން ކަމަށެވެ. އެހާ ބޮޑު މަސައްކަތްތަކެއް ކޮށްދެއްވުމުން އެމަނިކުފާނަށް އެހާ ބޮޑު ދުއްތުރަލެއް ޖައްސައިގެން ނުވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު