ގައުމީ ހިދުމަތް ކުރެވޭނީ ވަކި މަގާމެއްގައި ހުރެގެން ނޫން ކަމަށާއި ކޮންމެ މަގާމެއްގައި ހުއްޓަސް އެކަން ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން މިއަދު މެންދުރު ކުރިއަށްގެންދިޔަ ފަހި މުސްތަގުބަލު ސްޕީކާ ސީރީސް 2023ގައި ނައިބު ރައީސް ވަނީ، ނައިބު ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވައިފައެވެ.

އެގޮތުން ނައިބު ރައީސްވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެކަންކަން ހުންނާނެކަން ގަބޫލުކުރައްވައި މަސައްކަތްކުރެއްވި ކަމުގައި ވިދާޅުވެފައެވެ. އަދި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާ އެކު މަސައްކަތްކުރެއްވުމަށް ފަސޭހަ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވަނީ މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާ ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އިހުތިރާމަކީ އެއް ދުވަހުން ލިބޭނެ އެއްޗެއް ނޫން ކަމަށާއި ކޮންމެ މީހަކުވެސް އިހުތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި އިހުލާސްތެރިކަމާއެކު އަދާކުރުމަށް ނައިބު ފަރައީސް ވަނީ އެދިވަޑައިގެންފިއެވެ.