ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލުކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކެންސަލްކޮށްފިއެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރިކަން މަޖިލީހުގެ އިދާރާއިން އެންގީ މެންބަރުންނަށް މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު ފޮނުވި އެސްއެމްއެސްއަކުންނެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ 'ވަން'އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
ޒިޔާއު ވިދާޅުވީ މިއަދުގެ ޖަލްސާ ކެންސަލް ކުރެއްވިކަން މަޖިލީހުގެ ޗެމްބަރު ތެރޭގައި އިއުލާން ނުކޮށް، އެކަން މެންބަރުންނަށް އެސްއެމްއެސްއަކުން އަންގަވަން އަމީން އާންމު ނިންމެވީ އިދާރީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ އިއްޔެއަށް ތާވަލުކުރި ޖަލްސާގަ އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވާފައިވާތީ، މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ނިންމެވީ އެ މައްސަލައާމެދު ގޮތެއް ނިންމެވުން އިއްޔެ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ އިހުތިޖާޖު ކޮށްފައިވެއެވެ. އެ އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ކައުންސެލާ ޖެނެރަލް ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރު ސިސްޓަމް ވައްޓާލައި މޯބައިލް ފޯނު ތަޅައިގެން ގޮސްފައިވެއެވެ.
އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވުމަށް އަމީން އާންމު ނިންމެވީ ގާނޫނުއަސާސީ އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީން އިއްޔެ ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން ދެ އަމުރެއް ނެރެދިނުމަށް އެދިފައެވެ.
ފުރަތަމަ ކަމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި ނުވަތަ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސް މެންބަރުންގެ ތެރެއިން މެމްބަރެއް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މަގާމުން ވަކިކުރުމަށް ގަރާރާމެދު ގޮތެއް ނިންމެވުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު