ފާމަސީތަކުން ބޭސް ދޫކުރާއިރު ބޭސް ނަގަން ދާ މީހާގެ ފޯނަށް ފޮނުވާ ޑިސްޕެންސިން ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތަަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ހެދުމަށް އާސަންދަ ކުންފުނިން ވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައި ޓެސްޓުތަކެއް ކޮށްފައެވެ. އަދި މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަމަށް ރަސްމީކޮށް އަމަލުކުރަން ވަނީ ފަށައިފައެވެ. ނަމަވެސް އަދި އެގޮތަށް އަމަލުކުރަމުން ދަނީ ބައެއް ފާމަސީތަކުންނެވެ.

އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު މިއަދު "ވަން" އަށް ވިދާޅުވީ، ޑިސްޕެންސިން ކޯޑެއް ދިނުމުން ނޫނީ އާސަންދައިން ބޭސް ދޫނުކުރެވޭ ގޮތް ހެދީ އާސަންދަ ސްކީމުގެ ދަށުން ބޭސް ސިޓީއަށް ބިލު ކުރަނީ ބޭސް ނަގަން ދިއުމުންކަން ކަށަވަރުކޮށް، ބޭސް ނަގަން ނުދަނީސް ޓްރާންސެކްޝަން ހެދުން ހުއްޓުވުމަށް ކަމަށެވެ.

އެގޮތުން އެގޮތަށް އަމަލުކުރަން ފެށުމުން ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރު ފާމަސިސްޓު ހޯދާނެއެވ.ެ އަދި އާސަންދަ ޕޯޓަލްއަށް އެ މައުލޫމާތު ހިއްސާކުރުމުން މޯބައިލް ނަންބަރަށް ޑިސްޕެންސިން ކޯޑެއް ދާނެއެވެ. ޓްރާންސެކްޝަން ފުރިހަމަކޮށް ބޭސް ދޫކުރާނީ އެ ކޯޑު ފާމަސިސްޓާ ހިއްސާ ކުރުމުންނެވެ.

ބޭސް ފިހާރަތަކުން މީގެ ކުރިން ބޭސް ދޫކުރުމުގައި ޑޮކްޓަރުގެ ބޭސް ސިޓީ ފިޔަވައި، އިތުރު އެއްވެސް މައުލޫމާތެއް ނުހޯދައެވެ.