ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ 48 މެމްބަރުންގެ ސޮޔާއެކު ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރަން ހުށަހަޅާފައިވާ އިރު، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ ނޯޓިސް މަޖިލީހުގެ ރައީސް އަށާއި މެންބަރުންނަށް ފޮނުވި މުއްދަތު މިއަދަށް ހަމަވާނެއެވެ.

މަޖިލިސް ގަވާއިދުގެ ދަށުން، އާދިއްތަ ދުވަހަކީ މަޖިލިސް ޖަލްސާ ބާއްވަންޖެހޭ ދުވަހަކަށްނުވާތީ، އެދުވަހުގެ ޖަލްސާއަކީ ހަމައެކަނި އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން ބާއްވާ ޖަލްސާއެކެވެ. އެހެންކަމުން އެދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީވެސް ހަމައެކަނި އެ މައްސަލައެވެ.

މަޖިލިސް ގަވާއިދު ބުނާ ގޮތުން މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބަހުސްކުރާނެ ވަގުތާއި އިތުބާރު ނެތްކަމުގެ މައްސަލަ ރައްދުވާ ފަރާތް ޖަވާބުދާރީވާން ދޭންޖެހޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމިޓީންނެވެ. ނަމަވެސް އެދުވަހުގެ ޖަލްސާ ފަށަން އޮތީ، އާއްމުކޮށް މަޖިލީހުގެ ޖަލްސާތައް ފަށާގަޑި ކަމަށްވާ ހެނދުނު 9:00 ގައެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހު ކުރިއަށްގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ނަމަވެސް އެދުވަހުގެ ޖަލްސާ ކުރިއަށް ގޮސްފާނެ ކަމާމެދު މިހާރު ވަަނީ ސުވާލުތަކެއް އުފެދިފައެވެ.

ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން، މަޖިލިސް ރައީސް މަގާމުން ވަކި ކުރުމަށް އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ މަޖިލީހުގެ ނައިބު ރައީސެވެ.

ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ބުދަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގެ ރިޔާސަތަށްވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަޑައެއް ނުގަންނަވައެވެ.

އެހެންކަމުން އާދިއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގޮސްފާނެ ކަމާމެދު އެ މައްސަލަ ހުށަހެޅި އެމްޑީޕީންވެސް ވަނީ ޝައްކު އުފައްދައިފައެވެ. އެގޮތުން އާދީއްތަ ދުވަހުގެ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތު ނުދޭން ރާވާފައި ވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އާދިއްތަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެން ކަމަށް އެމްޑީޕީގެ މެމްބަރުން ވަނީ ތުހުމަތު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ، ނައިބު ރައީސްކަމަށް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަންޖެހިވަޑައިގަންނަވާނީ ރައީސް ކަމަށް ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ބުނި ނަމަވެސް އެއްވެސް ސަބަބަކާ ހުރެ އެއިން ބޭފުޅަކު ހާޒިރުވެ ވަޑައިނުގެންފިނަމަ ދެން ހަދަން ޖެހޭގޮތަށް އެއިން އެއްވެސް އެއްޗަކު ބަޔާންކޮށްފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް މީގެކުރިން ހުށަހެޅި މައްސަލައިގަވެސް ކަން ހިނގާފައިވަނީ އެފަދަ ގޮތަކަށެވެ. އެ ފަހަރު އެ ދެ މައްސަލައިގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާގެ ރިޔާސަތަށް، މަޖިލިސް ގޯތި ތެރޭގައި އިންނަވައިގެންވެސް މަޖިލިސް ރައީސް ވަޑައެއް ނުގެންނެވިއެވެ. އޭގެ ފަހުން އެއިން އެއްވެސް މައްސަލައެއް މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

ދެވަނަ ފަހަރަށް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައި މިވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރޭގައި ރައީސް ނަޝީދާއި އީވާ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިިހަށް ތާއީދު ކުރައްވާނެ ކަމަށް ބަލައި އެ ދެ މައްސަލަ އަނބުރާ ގެންދިއުމަށްފަހުގައެވެ.