އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށް ބުނެ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.

ޑިމޮކްރެޓްސް މެންބަރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައި ގަތުމަށް މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ 15 މެންބަރުންނެވެ. ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވިއެވެ. މަޖިލިސް އަށް ގަރާރު ބަލައި ގަތުމަށް 22 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.

މި ގަރާރުގައި ބުނެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި އެނޫން ސަރުކާރުގެ ބޭފުޅުން ވާދަ ކުރައްވާ އިންތިހާބުތަކުގެ ކެމްޕެއިން ދަތުރުތައް ސަރުކާރުގެ ރަސްމީ ކަންކަމުގެ ދަތުރުތަކާ އެއްކޮށްލައިގެން، ދައުލަތުގެ ފައިސާ އާއި ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކޮށް އިންތިހާބަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާ ކަމަށެވެ.

އިންތިހާބު ތަކުގައި ސަރުކާރުގެ ވުޒާރަތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން ކެމްޕޭނުގެ ހަރަކާތްތައް ހިންގަމުންދާ ކަމަށާއި އިންތިހާބުތަކުގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކަށް ސިޔާސީ މަގާމުތައް އެތައް ގުނައަކުން އިތުރުކޮށް ވަޒީފާތައް ހުށަހަޅައިގެން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަރުކާރު ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދުކޮށް، ކެމްޕެއިން ކުރުމަށް މަޖުބޫރު ކުރުވުމާއި އެގޮތަށް ކަން ނުކޮށްފިނަމަ ސަރުކާރުގެ ސިޔާސީ ވަޒީފާގައި ދެމި ނުހުރެވޭނޭކަމުގެ އިންޒާރު ދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

އިންތިހާބުތަކުގެ ތެރޭގައި ސަރުކާރުގެ ޕްރޮޖެކްޓްތަކާއި އެސްއެމްއީ ލޯނުތައް އިއުލާން ކުރުމާއި ސަރުކާރުން ތާއީދު ކުރާ ކެނޑިޑޭޓަށް ވޯޓު ނުދީފިނަމަ، ޕްރޮޖެކްޓްތައް ހުއްޓާލާނެކަމުގެ މޭރުމުން ކެމްޕެއިނުގައި ވާހަކަ ދައްކަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ދައުލަތުގެ ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން ކެނޑިޑޭޓުންގެ މެދުގައި ހަމަހަމަ ފުރުސަތު ނުދީ، ސަރުކާރުން ތާއީދު ކުރާ ކެނޑިޑޭޓަށް ކެމްޕެއިންކޮށްދީ އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ އިންތިހާބުތަކުގެ ސައްހަކަން ގެއްލި އިތުބާރު ކުޑަވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އިންތިހާބުތަކަށް ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވުން ހުއްޓާލައި އިންތިހާނުތައް އިންސާފުވެރި ކުރުވުމަށާއި މިނިވަން ކުރުވުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް އެކަންކަަމަށް މަގުފަހި ކުރުމަށާއި އެކަމުގައި ސާފު ސިޔާސަތެއް ގެންގުޅުމަށް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.