އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދަން އެންގި 20 މިލިއަނަކީ ކުރީ ސަރުކާރުތަކުގެ މުއާމަލާތްތަކަކާ ގުޅޭ ފައިސާތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައާ ގުޅުންހުރި 75 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން 20 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ފެނަކައަށް އަންގާފައިވާ ކަމަށް އޭސީސީން އިއްޔެ ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަލަމުންދާ ކަމަށް ބަޔާންކޮށްފައިވާ މައްސަލަތަކަކީ 2012 ވަނަ އަހަރު ކުންފުނި އުފެދުނީއްސުރެ މިއަދާ ހަމައަށް ހުރި އަދަދު ކަމަށެވެ. އަދި ޒިންމާވާ ފަރާތްތަކުގެ އަތުން އެ ކޮމިޝަނުން ހޯދަން އަންގާފައިވާ 20،504،491.54 ރުފިޔާއަކީ 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިން ހިންގާފައިވާ ހަތަރު މުއާމަލާތަކާ ގުޅޭ ފައިސާ ކަމަށް ބުންޏެވެ.

ފެނަކައިގެ ބަޔާނުގައި ހާމަކޮށްފައިވާ އެ މުއާމަލާތްތަކުގެ ތަފްސީލު:

  • ސަދަން ޔުޓިލިޓީސް ލިމިޓެޑްގެ ކުރޯގެ ފިނޭންސް ޑިރެކްޓަރު ކިޔަވަން ދިއުމަށް ކުންފުނީގެ އޭރުގެ މެނޭގިން ޑިރެކްޓަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ބުނެވޭ 240،000 ރުފިޔާ
  • 2015 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ކުންފުންޏަކުން ކޮށްފައިވާ މުއާމާލާތްތަކަކާ ގުޅިގެން، ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީއާ އެއްގޮތަށް އުނި ކުރަންޖެހޭ ޖޫރިމަނާ ފައިސާ އުނި ނުކޮށް އެފަރާތަށް ފައިސާ ދައްކާފައިވާތީ ކުންފުންޏަށް ލިބުނު ގެއްލުމަށްވާ 1،017،170.44 ރުފިޔާ
  • 2016 ވަނަ އަހަރު ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ކުންފުންޏަކާއެކު ކުރެވުނު މުއާލާތުގައި ކުންފުންޏަށް ލިބެންޖެހޭ 17،857،979.10 ރުފިޔާ
  • 2017 ވަނަ އަހަރު ކުންފުންނަށް ބޭނުންވާ ބިލިންގ ސޮފްޓްވެއާ ހޯދުމަށް އަމިއްލަ ކުންފުންޏަކާއެކު ކޮށްފައިވާ މުއާމަލާތުގައި ކުންފުންޏަށް ގެއްލިފައިވާ 1،389،342 ރުފިޔާ

އޭސީސީން ބަލަމުންދާ ފެނަކައާ ގުޅުންހުރި މައްސަލަތަކާ ގުޅޭގޮތުން އެކޮމިޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ އިދާރާއިން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން 92 ކަމެއް އިސްލާހު ކުރުމަށްވެސް ފެނަކައަށް އަންގާފައިވާނެ ކަމަށެވެ.

އެއީ ފެނަކައިގެ ސިޔާސަތާ ގުޅޭ 24 ކަމަކާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ ހަ ކަމެއްގެ އިތުރުން ކުންފުނިން ބަލައި ތަހުގީގު ކުރުމަށް ހަ ކަމެކެވެ. އަދި ކުންފުނި ހިންގުމާ ގުޅޭ 48 ކަމެއް އިސްލާހު ކުރަންވެސް އަންގާފައިވާ ކަމަށް ބުންޏެވެ.