އެންމެ ކުޑަކޮށް ޓޫރިޒަމް ތަރައްގީވެފައިވާ ސަރަހައްދުތައް ކަމަށްވާ ރާއްޖޭގެ އެންމެ އުތުރާއި، ދެކުނުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރަން ހިތްވަރު ދިނުމުގެ ގޮތުން އެ ސަރަހައްދުތަކުގައި ފަތުރުވެރިކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް 10 އަހަރުގެ މުއްދަތަށް ޑިއުޓީ މާފުކުރަން ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެކަމަކީ އިންވެސްޓަރުންނަށް ފަސޭހަ ހޯދައިދީ، ލުއިދީ އަދި ހިތްވަރު ދިނުމުގެ ގޮތުން ކުރުން މުހިއްމު ކަމެއް ކަމަށެވެ.
އިންވެސްޓު ކުރާ ފަރާތްތަކަށް ޑިއުޓީ މާފުކުރާ 10 އަހަރުގެ މުއްދަތުގައި ޓޫރިޒަމުން ނަގާ އެކި އެކި ޓެކްސްތައް 50 ޕަސެންޓަށް ލިމިޓްކުރަންވެސް މެންބަރު ހުށަހެޅުއްވިއެވެ.
ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، މިހާރުގެ ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ހުރި، 59896 ފަތުރުވެރިކަގެ އެނދުގެ ތެރެއިން އެކި ރަށްރަށުގައި ގެސްޓްހައުސްގެ ގޮތުގައި 14254 އެނދު އެބަހުރި ކަމަށެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޖުމްލަ އެނދުގެ 23 އިންސައްތަ ކަމަށާއި، އޭގެ ތެރެއިންވެސް 70 ޕަސެންޓް އެނދު ހުރީ މާލޭން ފުރައިގެން ދެގަޑިއެއްހާއިރު ދެވޭ ހިސާބުގައި މާލެއާ ކައިރި ސަރަހައްދުތަކުގައި ކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މާލެ ކައިރި ސަރަހައްދުތަކުގައި ގެސްޓްހައުސްގެ ވިޔަފާރި ފުޅާވެފައިވާއިރު، ރިސޯޓްތައްވެސް ތޮއްޖެހިފައިވަނީ ވެސް މާލެ ސަރަހައްދަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް 170 ރިސޯޓުގެ ތެރެއިން ހއ. އަތޮޅުގައި އޮތީ ދެ ރިސޯޓު ކަމަށާއި، ހދ. އެންމެ ރިސޯޓެއް، އަދި ށ. އަތޮޅުގައި އޮތީ އެންމެ ދެ ރިސޯޓު ކަމަށެވެ. ގެސްޓްހައުސްގެ އެނދަށް ބަލާއިރު ހއ. ހދ. އަދި ށ. އަތޮޅުގައި ހުރީ މުޅި ޖުމްލަ ގެސްޓް ހައުސްގެ އެންމެ ތިންޕަސެންޓް ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ވާއިރު އެކަން އެ ހާލަތުގައި އޮތީ، ކީއްވެގެންކަން އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތަންތަނުގައި ޓޫރިޒަމް ފުޅާ ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ ހިސާބަށް ކުރަން ޖެހޭ ދަތުރު ފަތުރުގެ އަގު ބޮޑުވުން ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއް ހަމައެއްގައި ޓެކްސް ނެގުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މާލޭން ހޯރަފުށީ އެއާޕޯޓަށް ފްލައިޓެއްގައި ދާނަމަ އެންމެ އަގުހެޔޮކޮށް 400 ޑޮލަރު، މަންތާއިން ނަމަ އެއީ 500 ޑޮލަރު، މާލެ މެލޭޝިއާ ރިޓާން ޓިކެޓެއް އެއީ 450 ޑޮލަރު އަދި އިންޑިއާ މާލެ ރިޓާން ޓިކެޓު މާ އަގުހެޔޮވާނެ، އެހެން އޮތުމުން ދަތުރު ފަތުރުގެ އަގު ބޮޑުވީމާ އެ ސަރަހައްދުތަކަށް ފަތުރުވެރިން ދާން ކަންބޮޑުވޭ،"
އޭގެ އިތުުރުން މާލެ ސަރަހައްދަށް އެޕްލައިވާ ޓެކްސްތައް ފަތުރުވެރިކަން ވަރަށް ކުޑަކޮށް ތަރައްގީވެފައި ހުރި ސަރަހައްދުތަކަށް އެޕްލައި ކުރާތީ އިންވެސްޓަރުން ޝައުގުވެރި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ޓޫރިސްޓް ރިސޯޓެއް ހެދުމުގެ ނިޔަތުގައި ރަށެއް ހޯދި ނަމަވެސް އެރަށް ތަރައްގީކުރުމުގެ އަގު އިންތިހާއަށް ބޮޑުވެގެންދާތީ އެކަމަށް 15 ނުވަތަ 16 އަހަރު ވެގެންދާއިރުވެސް ނުހެދޭ ކަމަށް ވިދާޅުވިއެވެ.
"މިހުރިހާ ޓެކްސްތަކާއި އޮޑިދޯނި ފަހަރުގެ ނާލާއި އެއްގަމު އުޅަނދުފަހަރުގެ ނާލު ލީމާ މާލޭގައި 10 ރުފިޔާއަށް ވިއްކާ ކޯކު ފުޅި ކެލާ ގެސްޓްހައުސްގައި 10 ރުފިޔާއަށް ވިއްކާނީ ކިހިނެއްތޯ،" ސަލީމް ސުވާލު އުފެއްދެވިއެވެ.
އެހެންކަމުން ރާއްޖޭގައި އެންމެ ކުޑަކޮށް ފަތުރުވެރިކަން ތަރައްގީވެފައިވާ ސަރަހައްދުތައް ކަމަށްވާ އެންމެ އުތުރުން ށ. އަތޮޅުން އުތުރާއި ދެކުނުން، ހުވަދު އަތޮޅުން ދެކުނުގެ ސަހައްދުތަކަށް ޓެކުހުގެ ހާއްސަ ލުއިތަކެއް ދޭން ޖެހޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު