މި އަހަރަށް ރައްޔިތުން މަޖިލީހުން ފާސްކުރި 42.6 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރަށް ހަރަދުކުރަން ޖެހޭނެތީ ސަރުކާރުގެ ފަރާތުން ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓުގެ މައްސަލަ ނުހިމަނައި، މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ ބުދަ ދުވަހު ވަނީ ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ ހުށަހަޅައިފައެވެ. އެ ބަޖެޓުގައި ހިމެނެނީ ރިކަރެންޓު ހަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 3.3 ބިލިއަން ރުފިޔާއެވެ.

ސަޕްލިމެންޓަރީ ބަޖެޓް މާދަމާގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ނުކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ކަމަކަށް އޮތީ ސަޕްލިމެންޓްރީ ބަޖެޓްގެ މައްސަލަ ހުށަހެޅުމެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މަޖިލީހުގެ މާދަމާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ޓޫރިޒަމްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލުގެ މަސައްކަތާއި މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްތީނުގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފައިބާ، އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ހުށަހެޅި ގަރާރުގެ މައްސައެވެ.

ދެން އެޖެންޑާގައި ހިމަނާފައިވާ މައްސަލަތަކަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމުގެ މަސައްކަތް އަވަސްކުރަން ގޮވާލައި ހުށަހެޅި މައްސަލައަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުމެވެ. މީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރުން ވެސް ވަނީ މާދަމާގެ އެޖެންޑާގައި ހިމަނައިފައެވެ.