އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ ދާއިރާތަކަށް އާބާދީ ކަނޑައެޅި ގޮތާ ގުޅިގެން 65 ޝަކުވާއެއް ހުށަހަޅަފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެ ޝަކުވާތަކާމެދު ގޮތެއް ކަނޑައަޅާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކަށް، އީސީގެ ނިންމުން ސަބަބާއެކު އަންގާނެ ކަމަށް ވިދާޅުވިއެވެ.

ހަބީބު ވަނީ ދާއިރާތަކުން ޝަކުވާ ހުށަހަޅާފައިވާ އަދަދުވެސް ހާމަކޮށްފައެވެ. އޭގެއިވާ ގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައި ވަނީ ފޭދޫ އުތުރު ދާއިރާއިންނެވެ. އެ ދާއިރާއިން ވަނީ 44 ޝަކުވާއެއް ހުށަހަޅައިފައެވެ. މާލޭ ސިޓީގެ ދާއިރާތަކުން ދެ ޝަކުވާ ހުށަހަޅާފައިވާ އިރު، ގަމާއި ދާންދޫ އަދި ގެމަނަފުއްޓާއި ކޮލަމާފުށި ދާއިރާއިންވެސް ދެ ޝަކުވާ ހުށަހަޅާފައިވެއެވެ.

އޭދަފުށި، ތުޅާދޫ، ކެންދޫ، ހިތާދޫ، އިސްދޫ، މަރަދޫ، ހިތަދޫ އުތުރު، ހިތަދޫ މެދު، ހިތަދޫ ދެކުނު އަދި އައްޑޫ މީދޫން ހުށަހެޅީ އެއް ޝަކުވާއެވެ.

ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓް އީސީން އާންމުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ރިޕޯޓުގައިވާ ގޮތުން މަޖިލީހަށް ވަނީ ހަ ދާއިރާއެއް އިތުރުވެފައެވެ.

  • ހުޅުމާލެ މެދު ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ
  • ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)
  • ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)
  • ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ)
  • ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ)

އެ ބަދަލާއެކު އޭދަފުށި، ވިލިނގިލި އަދި މީދޫ ދާއިރާގައި އޮންނާނީ އެ ދާއިރާއަށް ނިސްބަތްވާ ރަށް އެކަންޏެވެ. އަދި އިންތިހާބީ ބައެއް ދާއިރާތަކުގެ ނަމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނުދާއިރާ، ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާ، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާ އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.