ފަލަސްތީނުގެ ހާލަތު ފެންނަ ފޮޓޯއެއް އައިއެސްއެސްގެ އެސްޓްރޮނައުޓް އިން ދައްކާލައިފިއެވެ.

ބައިނަލްއަގުވާމީ ޖައްވީ އިދާރާ އައިއެސްއެސްގައި ހަރަކާތްތެރިވާ ދެ އެސްޓްރޮނައުޓުން ވަނީ އިޒްރޭލާއި ފަލަސްތީނު ދެމެދުގައި ހިނގަމުންދާ ހަނގުރާމަ ޖައްވުން ފެންނަ ގޮތް ދައްކާލައިފައެވެ.

އެ ފޮޓޯ އިން ފެންނަނީ ގާޒާ ހިމެނޭ ސަރަހައްދުން ދުން އަރަމުންދާ މަންޒަރެވެ. އަދި ގާޒާގެ ބޯޑަރު ހިމެނޭ ސަރަހައްދުވެސް ސާފުކޮށް އެފޮޓޯއިން ފެނެއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާ އިރު، މިހާތަނަސް ފަލަސްތީނުން 5087 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީ އިން ބުނެއެވެ.

ފަލަސްތީނުގެ ގާޒާގެ އެތަކެއް ހާސް އިމާރާތެއް ބިމާ ހަމަކޮށްފައިވާ އިރު، 300،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ. އަދި އެތައް ހާސް މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. އަދި ގާޒާގެ ހުރިހާ ސަރަހައްދެއް އަސާސީ ކަންކަމަށް ޖެހިފައިވާ އިރު، އަވައްޓެރި ގައުމުތަކުން ގާޒާއަށް ފޮނުވާ އެހީވެސް އެތެރެ ކުރުން އިޒްރޭލުން ވަނީ ހުއްޓުވައިފައެވެ.