ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި އެއްޗެއް ގޮވައިގެން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާގެ އިތުރު އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ހާދިސާ ހިނގީ ކުޅުދުއްފުށީ އެއާޕޯޓް ފަޔާ ޓްރެއިނިންގެ ބައިގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެއާޕޯޓުގައި އެއްޗެއް ގޮވައިގެން ހިނގި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނީ 37 އަހަރުގެ މުހައްމަދު އަހުމަދަށެވެ. އޭނާގެ އަތަށް ލިބުނު ސީރިއަސް އަނިޔާތަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އޮޕަރޭޝަނެއް ކުރުމަށްފަހު އިތުރު ފަރުވާއަށް ހަމަ އެރޭ ވަނީ މާލެ ގެނެސްފައެވެ.

މުހައްމަދު އަހުމަދުގެ އާއިލާ މީހަކު "ވަން" އަށް މިއަދު ބުނީ، މުހައްމަދު އަހުމަދަށް މި ވަގުތު ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށާއި އިތުރު އޮޕަރޭޝަނެއް އަދި ކުރަންޖެހޭ ކަމަށެވެ.

އަދި ރާއްޖޭން ބޭރަށް ގޮސްގެން އިތުރު ފަރުވާ ދޭން އާއިލާއިން ބޭނުންވި ނަމަވެސް ބޭރަށް ގެންގޮސްގެން ފަރުވާ ދެވެންވާއިރަށް ފަރުވާ ނުލިބި މާގިނައިރު ވެދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލަށް ފެންނާތީ އަދި ނުފުރާ މަޑުކުރަނީ ކަމަށް މައުލޫމާތު ދިން އާއިލާ މީހާ ބުންޏެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އަނިޔާ ލިބިފައިވަނީ މުހައްމަދު އަހުމަދުގެ އަތުގެ ކޮނޑާއި އުޅަނބޮއްޓާ ދެމެދުގެ ކަށިތަކަށާއި މަސްތަކަށެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޑީއާ އޮފިޝަލު އަހުމަދު ދާވޫދު "ވަން" އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ވިދާޅުވީ އޭނާގެ އަތް އޮތީ ވަރަށް ބޮޑަށް ޗިސްވެފައެވެ.