ފަލަސްތީނަށް އެހީވުމަށް މަސްދޯނިތަކުން 170،000 އަށްވުރެ ގިނަ ރުފިހާ ހަދިޔާކޮށްފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ ގާޒާ ރިލީފް ފަންޑަށް ހަތަރު މަސް ދޯންޏަކުން ވަނީ ފައިސާގެ އެހީތެރިކަން ދީފައެވެ.

އެންމެ ގިނަ އަދަދެއްގެ ފައިސާ ޖަމާކުރީ ގއ. ކޮލަމާފުށި "ރާސްތާ" ދޯނިންނެވެ. އެ ދޯނިން ވަނީ 127،433ރ. ހަދިޔާކޮށްފައެވެ. ގއ. މާމެންދޫގެ ދެ ދޯންޏެއް ކަމަށްވާ "ދުވެލި 6" ދޯނިން 25،000 ރުފިޔާ އަދި "ހުޝިޔާރު" ދޯނިން ވަނީ 25،000 ރުފިޔާ ޖަމާކޮށްފައެވެ.

މީގެ ކުރިން ގއ. ކަނޑުހުޅުދޫ "ސީ ހޯސް 3" ދޯނިން ވަނީ 50،000 ރުފިޔާ، ގާޒާ ފަންޑަށް ޖަމާކޮށްފައެވެ.

އައިއޭސީން ހުޅުވާލި އެ ފަންޑަށް މިހާތަނަށް އެކި ފަރާތްތަކުން ވަނީ 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައެވެ.

މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 3،800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މީގެ ދެ ދުވަސް ކުރިން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި 500 އެއްހާ މީހުންވެސް ހިމެނެއެވެ. ހަނގުރާމައިގެ މިހާތަނަށް އިޒްރޭލުން 1،400 މީހުން ވަނީ މަރުވެފައެވެ.