ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލަށް ބޮން އެޅީ އިޒްރޭލުން ނޫން ކަމަށާއި ބޮން އެޅީ "އަނެއް ޓީމުން" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން އެހެން ވިދާޅުވީ އިޒްރޭލަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ރޭ ދިން ހަމަލާ ކުށްވެރިކުރައްވައި، މީގެ ކުރިން ބައިޑެން އެކްސްގައި ޕޯސްޓެއް ހިއްސާކުރެއްވި ނަމަވެސް، އޭރުވެސް އިޒްރޭލަށް އިނގިލި ދިއްކުރައްވައިފައެއް ނުވެއެވެ.

އިޒްރޭލުން އެ ހަމަލާގެ ޒިންމާ ނެގުމަށް ދެކޮޅު ހަދާފައިވާ އިރު، އެއީ ހަމާސްއިން އިޒްރޭލަށް ފޮނުވާލި ހަމަލާއެއް ފެއިލްވެގެން ދިމާވި ކަމެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން، ހަމާސްއަށް އިޝާރާތްކުރައްވައި ބައިޑެން ވިދާޅުވީ ބޮން އެޅިކަމަށް ބެލެވެނީ އަނެއް ޓީމުން ކަމަށެވެ. އެއީ ހަމާސްއެވެ. ނަމަވެސް އެކަން ސާބިތު ކޮށްދެއްވަން އެއްވެސް ހެއްކެއް ދައްކަވައިފައެއް ނުވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ ހަމާސް ބަލިކޮށްލެވޭނީ "ތަހުޒީބީ ދުނިޔެ" އެކުވެގެން ކަމަށެވެ.

އިޒްރޭލުން އިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، ބައިޑެން އެކަން ކުށްވެރި ނުކުރެއްވުމަކީ އިޒްރޭލުން ކުރަން ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމަށް ލިބޭ ފެހި ސިގުނަލެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ބައިޑެން ވަނީ ހަމާސް އާއި އައިސިސްއާވެސް އެއްގޮތް ކުރައްވައި ވާހަކަ ދައްކަވައިފައެވެ.