ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ފަލަސްތީނުގެ ގާޒާއަށް އެހީވުމުގެ ގޮތުން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ އެ ފައިސާ ޖަމާކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ ގާޒާ ރިލީފް ފަންޑަށް ކަމަށެވެ.

"އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރައްޔިތުން ހިންގާ ކެމްޕެއިންގައި އެސްޓީއޯ އަދި އެސްޓީއޯ ގްރޫޕް ކުންފުނިތަކުން ބައިވެރިވެ، އެ ކުންފުނި ތަކުގެ މުވައްޒަފުންނާއި އެސްޓީއޯގެ ހިއްސާދާރުންގެ ނަމުގައި އެއް މިލިއަން ދިވެހި ރުފިޔާ، އަހަރުމެން ފަލަސްތީނާއެކު ޓެލެތޯން މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަވާލުކުރެވިފައި،" އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ރާއްޖެ އިސްލާމްވި ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު، މުސްލިމުންގެ މުގައްދަސް އެއް ބިން ކަމަށްވާ ފަލަސްތީނުގެ ބިމުގައި އިޒްރޭލުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އުދުވާންތައް ހިންގަމުންދާ ކަމަށެވެ.

ދިވެހިން ވަނީ ފަލަސްތީނަށް އެހީވުމުގެ ކަންކަން ފަށައިފައި ކަމަށާއި ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތުކުރާ ގައުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ ދަށުން ހިންގާ، މިފްކޯ، އެލައިޑް އިންޝުއަރެންސް، މޯލްޑިވްސް ގޭސް އަދި އެފްއެސްއެމްގެ އޮތީ ފަލަސްތީނާއެކު ކަމަށް އެސްޓީއޯއިން ބުންޏެވެ.