އދ. ދަނގެތިން ގެއްލިގެން ހޯދަމުން އަންނަ ޔޫސުފް އިބްރާހީމް (ޔޫސުބެ) ހޯދުމަށް ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި އަދިވެސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ދަނގެތީ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު "ވަން" އަށް މައުލޫމަތު ދެއްވަމުން މިއަދު ވިދާޅުވީ ޔޫސުބެ ހޯދުމަށް އެމްއެންޑީއެފްއާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން ފީނައިގެންނާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލި ބެލުމުން ޔޫސުބެއާ ގުޅޭ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

މުއާވިޔަތު ވިދާޅުވީ ޑައިވަރުންގެ ޓީމު މިއަދުވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިހާރު ދެވަނަ ޑައިވަށް ފައިބާފައިވާ ކަމަށް ވިދާޅުވިއެވެ. ދަނގެތީ ޑައިވަރުންނާއި ކައިރި ރިސޯޓުތަކުގެ ޑައިވަރުންނާއި އެމްއެންޑީއެފްގެ ޑައިވަރުންވެސް އަންނަނީ އެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.

ޔޫސުބެ ހޯދުމުގެ މަސައްކަތާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު ބުނީ، އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 78،850 ސްކެއާ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިވާ ކަމަށެވެ. އަދި ވައިގެ މަގުން އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓުން 756.86 ސްކެއާ ނޯޓިކަން މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، އެމްއެންޑީއެފް ކޯސްޓް ގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓު "ހަކުރާ"ގައި 4.11 ސްކެއާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ބުންޏެވެ.

މީގެ ދެ ދުވަސް ކުރިން އުމުރުން 68 އަހަރުގެ ޔޫސުބެ ގެއްލުނީ ކުޑަ އިންޖީނު ދޯންޏެއްގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށެވެ. އަދި ޔޫސުބެ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ ޔޫސުބެ މަހަށް ނުކުން ދޯނި ހުހަށް ދަނިކޮށް ފެނުމާ ގުޅިގެންނެވެ. އެ ދޯނި ފެނުނު އިރު ދޯނީގައި ޔޫސުބެގެ ފޯނުވެސް އޮތެވެ. އަދި ދޯނިން އިތުރު އެއްޗެއް މަދު ނުވާ ކަމަށް ދަންގެތީ ކައުންސިލުން ބުންޏެވެ.

ޔޫސުބެއަކީ އާންމުކޮށްވެސް އެކަނި މަހަށް ނުކުންނަ މީހެއް ކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ. ޔޫސުބެ ގެއްލުމުގެ ކުރިން ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެކެވެ.

ދަނގެތި ސަރަހައްދުން ދަތުރުކުރާ ދޯނިތަކުންނާއި ކައިރި ރަށްތަކުންވެސް ޔޫސުބެގެ ހަބަރެއް ވޭތޯ ބެލުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އެގޮތުން، އޭނާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ކޯސްޓް ގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ނުވަތަ 3395981 އަދި 3398898 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.