އިއްޔެ އިން ފެށިގެން މިހާތަނަށް 120 މީހަކަށް ނަސޭހަތުގެ މެސެޖު ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިންބުނެފިއެވެ.

ފުލުހުން ބުނީ، މިއީ ސިނަމާލެ ބްރިޖު މަތީގައި ދުއްވަން ހުއްދަކޮށްފައިވާ ސްޕީޑަށްވުރެން ބާރަށް ދުއްވުމާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރުމާ ގުޅިގެން އިއްޔެ ހެނދުނު 7:30 އިން ފެށިގެން ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ނަސޭހަތުގެ މެސެޖު ފޮނުވާފައިވާނެ އަދަދު ކަމަށެވެ.

ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ނުގަވައިދުން ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދުތައް ރެޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނު ނަންބަރަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ނިންމީ މިމަހުގެ 11 ވަނަ ދުވަހުގައެވެ. އަދި ފުލުހުން މިކަމަށް އަމަލު ކުރަން ފެށީ އިއްޔެއެވެ.

ފުލުހުން ބުނީ، އެ މުއައްސަސާއިން ފޮނުވާ މެސެޖުތަކުގައި، އެ އުޅަނދެއް ދުއްވި ބާރުމިން އެނގެން އޮންނާނެ ކަމަށާއި އަދި އެ މެސެޖުތަކުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށް ބުންޏެވެ. މީގެއިތުރުން ފުލުހުން ބުނީ، އުޅަނދު ދުއްވާ ބާރުމިނާއި ލޭން ބަދަލުކުރާކަން ދެނެގަންނަނީ ބްރިޖުގައި ހަރުކޮށްފައިވާ ސްޕީޑު ބަލާ ކެމެރާތަކުން ކަމަށެވެ.

ފުލުހުން ބުނީ އެއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ކަމެއް ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.