އުންމީދަކީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކޮށް، ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބޭރުގެ ނޫހަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި އަލް ޖަޒީއާއާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މި ސަރުކާރަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވި އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.
އަދި ސަރުކާރާ ހަވާލުވެލައްވާ ފުރަތަމަ ދުވަހުން ފެށިގެންވެސް، އިންޑިއާ ސިފައިން ރާއްޖޭން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށާއި އިންޑިއާގެ ހައި ކޮމިޝަނަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް އެކަމާ މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވެލައްވާތާ އަހަރެއްގެ ތެރޭގައި އިންޑިއާ ސިފައިން ބޭރު ކުރައްވާނެތޯ ސުވާލު ކުރެއްވުމުން މުއިއްޒު ވިދާޅުވީ އުންމީދަކީ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް އެކަން ނިންމެވުން ކަމަށެވެ. އަދި އެކަން އެހާވެސް ސީރިއަސްކޮށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖެއަކީ އަމާން ގައުމެއް ކަމަށާއި މިއީ މާ ބޮޑު އަސްކަރިއްޔާއެއް އޮންނަ ގައުމެއް ނޫން ކަމުން، އެހެން ގައުމެއްގެ ސިފައިން މިތާ ތިބުމުން ރާއްޖޭގެ ރައްޔިތުންނަށް އަމާންކަން އިހުސާސްނުވާ ކަމަށް ވިދާޅުވިއެވެ.
މި ވަގުތު ރާއްޖޭގައި ތިބީ އިންޑިއާގެ ކިތަށް ސިފައިންކަންވެސް ކަށަވަރު ނޫން ކަމަށާއި އެތައް ސަތޭކަ ނޫނީ ހާހުންވެސް އިންޑިއާ ސިފައިން މިތާ އުޅޭ ކަމަށް އެކި ރިޕޯޓުތައް ބުނާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އުންމީދަކީ ރާއްޖޭގައި ތިބީ އެންމެ ގިނަ ވެގެންވެސް 10 ނުވަތަ 20 ވަރަކަށް އިންޑިއާ ސިފައިން ކަމަށް ވުން ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ފަހު ޗައިނާ ފަދަ އެހެން ގައުމުތަކާއެކު އަސްކަރީ ގުޅުން ވަރުގަދަ ކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ވަރަށް ކުޑަ ގައުމެއް ކަމަށެވެ.
އެހެން ކަމުން ބޮޑެތި އެހެން ގައުމުތަކާ އެފަދަ ގޮތަކުން ގުޅެން ބޭނުންފުޅު ނުވާ ކަމަށާއި އެކަމުގައި ތިބެން ބޭނުންވަނީ ނިއުޓްރަލްކޮށް ކަމަށެވެ. އަދި އެހެން ގައުމެއްގެ އަސްކަރިއްޔާއެއް މިތަނަށް ގެންނަން ބޭނުންފުޅު ނުވާ ކަމަށާއި އެއީ އެމަނިކުފާނުގެ ޕޮލިސީ ނޫން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު