ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ހޮވިވަޑައިގެންފިއެވެ.
ގަވަރުނަރު ހާޝިމް އެ މަގާމަށް ހޮވިވަޑައިގަތީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ނެގި ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ.
މިއީ އެ ބޯޑުގެ ޗެއާއަކަށް ރާއްޖެ ހޮވުނު ފުރަތަމަ ފަހަރެވެ. ޗެއާކަން ކުރައްވާ ބޭފުޅުން އައިއެމްއެފާއި ވޯލްޑް ބޭންކްގެ އަހަރީ އާންމު ޖަލްސާތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން ހަރަކާތްތެރިވާނެއެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކީ ކޮންމެ އަހަރަކުވެސް ހަމަޖައްސަނީ އައިއެމްއެފްގެ މައިގަނޑު ފަސް ސަރަހައްދުގެ ތެރޭގައި ދައުރުވާ މަގާމެކެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަން ކަމަށް ހަމަޖައްސަން ނިންމާފައިވަނީ އޭޝިއާ ޕެސިފިކް ސަރަހަދުއްގެ މެމްބަރު ގައުމުތަކުން ބޭފުޅެކެވެ.
ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ މަގާމަށް ހޮވިވަޑައިގަތުމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"މިއީ އިންޓަނޭޝަނަލް ފައިނޭންޝިއަލް އަދި ތަރައްގީގެ އެރީނާގައި ވަރަށް ބޮޑު ކާމިޔާބީއެއް އަދި ޝަރަފެއް ރާއްޖެއަށް ލިބިގެން ދިޔަ. ވަރަށް ތާރީހީ ކަމެއް. ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ 45 އަހަރު ވެފައި ވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު. އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީހީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" ހާޝިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު