ހުޅުމާލޭގައި ދިރިއުޅޭ އަދި އެތަނަށް ޒިޔާރަތްކުރާ ގިނަބައެއްގެ މަގުބޫލު މަންޒިލަކަށް ވެފައިވާ، ހުޅުމާލެ ސެންޓްރަލް ޕާކްގެ މަލަމަތި ދައްކުވައިދޭ ގޮތަށް އިމާރާތް ކޮށްފައިވާ އުރީދޫގެ މި އިމާރާތަކީ އެ ސަރަހައްދުން ދަތުރު ކުރާ ކޮންމެ މީހެއްގެވެސް ސްމާޓް ފޯން ގެލެރީއަށް އެ އިމާރާތެއްގެ ފޮޓޯ ފަހަށް ރައްކާ ކުރެވޭ އިމާރާތަކަށް ވަނީ ވެފައެވެ.

ކީއްވެ ހެއްޔެވެ؟ ސަބަބަކީ އިރުއޮއްސުމަށްފަހު އެ އިމާރާތުގެ ބޭރުން ދަޅައަޅަމުން އަންނަ ބޮޑު ދިދައެވެ. ރާއްޖޭގައި ހުރި އިމާރާތެއް ނަމަވެސް އެ އިމާރާތުން ބަބުޅަނީ ރާއްޖޭގެ ދިދައެއް ނޫނެވެ. އެއީ ފަލަސްތީނުގެ ބޮޑު ދިދައެކެވެ. އެ ހިސާބުން ދަތުރުކުރާ ކޮންމެ މީހެއްގެ ލޮލޮގައިވެސް އެންމެ ފުރަތަމަ އަޅައިގަންނާނީ އެ ދިދައިން ދައްކާ ވާހަކަތަކެވެ.

ހުއްޓި ހުރެ އެ ދިދަޔަށް ބަލައިލުމުން އެ ބޮޑު ސްކްރީނުން ފެންނަނީ މިހާރު ފަލަސްތީނުގައި ހާލުގައި ޖެހިފައި ކުޑަކުދީންނެވެ. އިވެނީ އެ "ބިމުގެ" ގިސްލުމާއި އެ ނިކަމެތިކަމާއި، ސަލާމަތަށް އެދި ކުރާ އާދޭހުގެ އަޑެވެ. ކުޑަކުދީންގެ ނިކަމެތިވެފައިވާ ހަށިތަކާއި މުސްލިމް އުންމަތެއްގެ ލެއިން ފޯވެފައިވާ މަގުތަކާއި ހޮސްޕިޓަލްތަކެވެ. ފެނަށް އެދި އާދޭސްކުރާ ލޯތަކާއި ކާނެ އެއްޗެއްގެ އިންތިޒާތުގައި ތިބި ހައިހޫނު މޫނުތަކެވެ. އާއިލާގެ ތުއްތު ކުދީންގެ ފުރާނަ ނެތް، މަސްގަނޑުތައް އަތްމައްޗަށް ލައިގެން އެކި ކޮޅުކޮޅަށް ދުވާ ބައްޕައިންނާއި މަންމައިންނެވެ.

ޔަހޫދީ އިޒްރޭލު ސިފައިން ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކެވެ. އެމީހުންގެ އާރާއި ބާރު ދައްކަމުންގެންދާ ޝައިތޯނީ އަމަލުތަކެވެ. ހަނަފަސް ވެފައިވާ ބިނާތަކާއި، ސުންނާފަތިވެފައިވާ ތަނެއްގެ ތެރޭ ތާށިވެފައި ހުރި ކަމުގެ އިހުސާސެވެ. އިވޭ ރުއިމުގެ އަޑުތައް ފަނޑުކޮށްލަނީ، އަންނަ މިސައިލުތަކާއި ޖަހާ ބަޑިތަކުގެ ބިރުވެރި އަޑުންނެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ގުނޫތު ކިޔުމަށް އިމާމުންނަށް އަންގައިފައެވެ. އިޒްރޭލު ސިފައިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން އަންނަނީ ނިމިދިޔަ ހުކުރުދުވަހުން ފެށިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް މާލޭ ސަރަހައްދުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސް ފަންޑްރައިސް އިވެންޓްތަކާއި، މުސްލިމުންގެ ދިފާއުގައި ޝުއޫރު ފާޅުކޮށް އިތުރު ހިނގާލުންތައްވެސް ބާއްވަމުންނެވެ.

މިމަހުގެ ހަތްވަނަ ދުވަހު ފެށި ގަތުލުއާންމުގެ ތެރެއިން އިޒްރޭލުން ގެންދަނީ ގާޒާގެ ހޮސްޕިޓަލްތަކަށާއި އާންމުން ދިރިއުޅޭ ސަަރަހައްދުތަކަށް ވައިގެ ހަމަލާ ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ގާޒާއިން މިހާތަނަށް ވަނީ 3،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައެވެ.

އިޒްރޭލުން، ގާޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައި ފަލަސްތީނުގެ 500 މީހުން މަރާލީވެސް އިއްޔެގެ ކުރީ ދުވަހުގެގެ ވަގުތެއްގައެވެ. ބޮމުގެ އެ ހަމަލާ ދީފައިވަނީ އަލް އާހިލް އަރަބް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަކީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޒަހަމްވި މީހުންނަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލެކެވެ. ހަމަލާތަކުން ސަލާމަތްވުމަށް ބައެއް މީހުން ވަދެ ތިބި ހިޔާވެއްސަކީވެސް އެއީ އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ޔަގީންކޮށްދީފައިވާ ގޮތުގައި ބޮމުގެ ހަމަލާގެ ސަބަބުން ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން 500 މީހަކު ވަނީ މަރުވެފައެވެ. ހެލްތު މިނިސްޓްރީން އެ ހަމަލާ ސިފަ ކުރީ ގަތުލްއާންމެއްގެ ގޮތުގައެވެ. މަރުވި ގިނަ މީހުންނަކީ ފަރުވާ ހޯދުމަށް ދިޔަ މީހުންނެވެ. އެންމެ ގިނައިން މަރުވީ އަންހެނުންނާއި ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ޝަހީދުވި މީހުންގެ އަދަދު އިތުރު ވާނެ ކަމަށްވެސް ބުނެއެވެ.