ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ފިހާރައިން މުދާ ގަންނަ އިރު ޕްލާސްޓިކު ކޮތަޅަށް މިހާރު ނަގަމުން އަންނަ ދެ ރުފިޔާގެ ޓެކްސް 50 ލާރިއަށް ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު މަޖިލީހަށް ހުށަހެޅުއްވި ކުނި މެނޭޖު ކުރުމުގެ ބިލުގެ ބަހުސްގައި، ކޮތަޅުން ނަގާ ދެ ރުފިޔާ 50 ލާރިއަށް ކުޑަކުރަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ތަސްދީގުކުރެއްވި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުންނެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅު ކުރިއެވެ. އެކަމާ ގުޅިގެން މެއި މަހުގެ ތެރޭގައި ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅި ނަމަވެސް އެ ބިލު މަޖިލިހަށް އެޖެންޑާކޮށްފައެއް ނުވެއެވެ.
އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފަށާފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހުގައެވެ.
މިބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައިވެސް ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެގެންދިޔަ ދުވަސް ވަރެއް ކަމަށެވެ.
ރޯމަސް އުފުލުމާއި ކުނިވާ ޒާތު ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުގައި އިސްތިސްނާ ހާލަތްތަކުގެ ގޮތުގައި ގާނޫނުގައި ކަނޑައެޅުމަށް ވެސް ސަލީމު ވަނީ ހުށަހަޅުއްވައިފައެވެ. އަދި ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު