ކޯރަމް ހަމަނުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދިޔައީ ރޭވުމަކުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލީހުގެ ޖަލްސާ ވަނީ ކުރިއަށް ނުގެންދެވިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ޖެހޭ ގަޑި ފަހަނަ އަޅައި ގޮސް، 9:06 ގައި ރިޔާސަތުގައި އިންނަވައި ޖަލްސާ ކުރިއަށް ނުގެންދެވުނު ކަން އިއުލާން ކުރެއްވުމަށްޓަކައި، އީވާ ވިދާޅުވީ، "ޖަލްސާ ފެށުމަށް ބޭނުންވާ ގާނޫނީ އަދަދު ކޯރަމް ހަމަނުވާތީ އަޅުގަނޑު މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިހިސާބުން މި ނިންމާލީ، ވަރަށް ބޮޑަށް ޝުކުރިއްޔާ ދެން ޖަލްސާއެއް އޮންނާނެ ވަގުތު އަންގާލާނަން،" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކޯރަމް ހަމަވާ ވަރަށް މެންބަރުން ހާޒިރުވި ކަމަށެވެ. ބައެއް މެންބަރުން ތިއްބެވީ މަޖިލީހުގެ ގޯތި ތެރޭގައި ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ޖަލްސާގެ ކޯރަމް ހަމަނުވާނަމަ، އަމަލު ކުރަމުން އަންނަ އާއްމު އުސޫލަކީ ރިޔާސަތުންނާއި އިދާރީ މޭޒުން ބޭފުޅުން ފޮނުވައިގެން އެ މެންބަރުންނަށް ދެންނެވުން ނަމަވެސް މަޖިލީހުގެ ރިޔާސަތުން މިއަދު އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އޭގެއިތުރުން މަޖިލިސް ރައީސް އާއި ނައިބު ރައީސް ނިސްބަތްވެ ވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން ވަޑައިގެން މާލަމް ބައްލަވައިލެއްވުމަށްފަހު މާލަމަށް ނުވަންނަވައި ވަޑައިގަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ހަމަ ފްލޯއަށް ވެދެވަޑައިގެންފައި ދޮރުން އެތެރެ ބައްލަވާލެއްވުމަށްފަހު ބޭރަށް ވަޑައިގެންފައި ވަނީ އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ރޭވިގެން މިއަދުގެ ޖަލްސާގެ ކޯރަމް ހަމަ ނުކުރުމަށް ކަނޑައެޅިގެން ރޭވިގެން ހިންގި ކަމެއްގެ ގޮތުގައި ފާހަގަކުރަން،"

އޭގެ އިތުރުން ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާތައް މިދިޔަ ދުވަސްތަކުގައި ފަސްކުރުމަށްފަހު، ކޯރަމް ހަމަވާ އަދަދަށް މެންބަރުން ވަޑައިގަތުމުން މަޖިލިސް ރައީސް ޖަލްސާ ކުރިއަށް ގެންދަވާފައިވާކަން ފާހަގަ ކުރައްވައި، މިއަދު އެގޮތަށް އަމަލު ކުރައްވާފައިނުވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އެހެން ފަހަރުތަކާ ހިލާފަށް، މިއަދުގެ ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، އެވަގުތު ޖަލްސާއަށް ހާޒިރުވެ ތިއްބެވި މެންބަރުންގެ އަދަދެއް ވިދާޅެއް ނުވެއެވެ. އަދި ކޯރަމް ހަމަނުވެގެން ޖަހާ ފަސް މިނެޓްގެ ކޯރަމް ރަނގަބީލެއްވެސް ނުޖަހައެވެ.

މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސްގެ ޖަލްސާތައް ބާއްވަން ޖެހެނީ، ހަފުތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހާއި ބުދަ ދުވަހުއެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ޖަލްސާ ނިންމަވާލައްވާ އިރު، ޖެހިގެން އަންނަ ދުވަހު ޖަލްސާ އޮންނާނެ ވާހަކަވެސް ރިޔާސަތުން އިއުލާން ކުރައްވައެވެ. ނަމަވެސް މިއަދު ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، ދެން ޖަލްސާއެއް އޮންނާނެ ދުވަހެއްވެސް އިއުލާނެއް ނުކުރައްވައެވެ.

މިދިޔަ ދެ ހަފުތާގެ ތެރޭގައި ޖަލްސާ ފަށަން ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވެގެން، މަޖިލިސް ރައީސް އެކި ފަހަރުމަތިން ޖަލްސާ ފެށުން ލަސްކޮށް، ކޯރަމް ހަމަވެގެން ޖަލްސާ ކުރިއަށް ގެންގޮސްފައިވެސް އެބަހުއްޓެވެ.

ނަމަވެސް މިއަދު އެފަދަ އެއްވެސް ފުރުސަތެއް ނުދެއްވައެވެ. ޖަލްސާ ނުބޭއްވުނުކަން އިއުލާން ކުރެއްވި އިރު، މަޖިލިސް އިދާރާގެ ގޯތި ތެރޭގައި ތިއްބެވި މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވިދާޅުވީ، އެހެން ފަހަރުތަކުގައި ޖަލްސާގެ ކޯރަމް ހަމަނުވެގެން، ކޯރަމް ހަމަކުރުމަށްޓަކައި، ކޯރަމް ރަނގަބީލު ޖަހާ ކަމަށާއި އިދާރީ މޭޒުގެ ބޭފުޅުން ވަޑައިގެން ޖަލްސާއަށް ވަންނަވަން ވެސް މެންބަރުންނަށް ދަންނަވާ ކަމަށެވެ. ނަމަވެސް މިއަދު އެފަދަ އެއްވެސް ކަމެއް ހިގާފައިނުވާ ކަމަށް އެ މެންބަރުން ވެސް ވިދާޅުވިއެވެ.