ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ މުއްދަތު މި މަހު 19 އަށް ހަމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، އަންނަ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށް ގެޒެޓުކޮށްފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ތިނަކަށް ހަމަވާނެ ކަމަށެވެ. ޝަކުވާއެއް އޮތް ނަމަ، އެ ޝަކުވާއެއް އީސީއަށް ހުށަހަޅަން ޖެހެނީ ލިޔުމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު 93 ދާއިރާއިން މެންބަރުން އިންތިހާބު ކުރަންޖެހެއެވެ. އެއީ މިހާރު ހިނގަމުންދާ 19ވަނަ މަޖިލީހަށްވުރެ ހަ ގޮނޑީގެ އިތުރުވުމެކެވެ. އިތުރުވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)، ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)، ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) އަދި ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.
ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5،000 މީހަކަށް މެމްބަރެއްގެ އުސޫލުންނެވެ. އަލަށް އުފެއްދި ދާއިރާތަކަކީ 5،000 މީހުން ހަމަވުމުގެ ސަބަބުން އުފެއްދި ދާއިރާތަކެވެ. ދާއިރާއަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު