ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.
ބީއެމްއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފޭސްބުކް އެކައުންޓްތައް ހެކުކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ހެކުކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ފްރެންޑްސް ލިސްޓުގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖުކޮށް، ފައިސާ ހޯދުމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
ބޭންކުން ވަނީ އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށެވެ.
"އަޅުގަނޑުމެން އެދެނީ މި ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖުކޮށްފި ނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅާ އެކަން ޔަގީންކުރުން،"
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
ބީއެމްއެލް އިން ވަނީ އޮޅުވާލައިގެން ފައިސާ ހޯދިކަން އެނގުމުން ވީހާވެސް އަވަހަކަށް ބޭންކަށް އެކަން އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް އެދިފައެވެ.
ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކު ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެންނާއި ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސާ ނޭމާއި ފާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތައްވެސް މި ފަހުން ވަނީ އިތުރުވެފައެވެ.
އަދި އޮންލައިން ޕޭޖުތަކުން ވިޔަފާރި ކޮށްގެން ފައިސާ ދެއްކުމަށްފަހު މުދާ އަދި ފައިސާ އަނބުރާ ނުލިބޭކަމުގެ ޝަކުވާއާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެކަމުގެ ޝަކުވާވެސް ބީއެމްއެލް އަށް ދަނީ ހުށަހަޅުމުންނެވެ.
އެކަމާ ގުޅިގެން ބީއެމްއެލް ބުނީ، އެ ބޭންކުން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށެވެ. އަދި އެގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކުތަކަށް ނުފިތުމަށާއި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާ ނުކުރުމަށް އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު