ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި، ދަ ޑިމޮކްރެޓްސް އިން ކާމިޔާބު ކުރާނެ ފުރަތަމަ އިންތިހާބަކީ މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ކަމަށް އެ ޕާޓީން ބުނެފިއެވެ.
ޑެމޮކްރެޓްސް އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީން ވަކިވި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފޒު ވިދާޅުވީ، ރިޔާސީ އިންތިހާބަށްފަހު އެ ޕާޓީން އެންމެ ފުރަތަމަ ކުރިމަތިލާނެ އިންތިހާބަކީ މާލޭ ސިޓީގެ މޭޔަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަން ކަމަށެވެ.
އެ އިންތިހާބާއެކު ރައްޔިތުންގެ މެދުގައި އެ ޕާޓީ އާމެދު ދެކޭ ގޮތް ބަދަލުވެ، ރާއްޖޭގެ ކުރިމަގު އޮތީ އެ ޕާޓީގައިކަން އެނގިގެންދާނެ ކަމަށާއި އެހެންކަމުން އެމްޑީޕީ ދޫކޮށް އެ ޕާޓިގައި ތިބި މެންބަރުން ޑެމޮކްރެޓްސްއާ ގުޅުމަށްވެސް އޭނާ ދައުވަތު ދެއްވިއެވެ.
ޝިފާޒު ވިދާޅުވީ، ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާނީ، އެ ޕާޓީ ތެރޭގައި ބާއްވާ ޕްރައިމަރީ އަކަށްފަހު ކަމަށެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިންތިހާބު ކާމިޔާބު ކުރި ތިން ކައުންސެލަރުން ޑެމޮކްރެޓްސް މެންބަރުންގެ ގޮތުގައި މިހާރު ވެސް މާލޭ ސިޓީ ކައުންސިލުގައި ތިއްބަވައެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި އެހެން ދެ ބޭފުޅެކެވެ. ސައިފް ވަނީ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.
މާލޭގެ މޭޔަރުކަމުގެ ގޮނޑީ ހުސްވެ ބައި އިލެކްޝަން ބާއްވަން ޖެހުނީ، އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް މިދިޔަ މަހުގެ 30 ގައި އިންތިހާބު ކުރުމުންނެވެ. މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު