މާލޭގައި އަންހެނަކު ފިރިހެނަކަށް ވަޅިން ހަމަލާދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ތޫނު އެއްޗަކުން ހަމަލާދީފައިވާ ފިރިހެނަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގެ މައުލޫމާތު މިއަދު 11:02 ކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އެ އަންހެން މީހާ ހަމަލާ ދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ މާލޭގެ ފޯނު ވިއްކާ ފިހާރައަކަށް އަންހެން މީހަ ވަދެ އެތަނުގެ ފިރިހެން މުވައްޒަފަކާ ވާހަކަދައްކާ މަންޒަރެވެ. ނަމަވެސް އިރުކޮޅެއް ފަހުން އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައި އޮތް ވަޅިއެއް ނަގައި މުވައްޒަފުގެ ކަރުގައި ވަޅި ދަމާލާތަން ފެނެއެވެ. އެއަށްފަހު އަންހެން މީހާ ފިހާރައިން ނުކުމެގެންދެއެވެ.