ތައިލެންޑުގެ ބެންކޮކުން - އިމާދު ލަތީފު (ވަން އޮންލައިން)
އިންސްޓަގްރާމްގައި 2013 ވަނަ އަހަރު އެންމެ ގިނައިން އެތަނެއްގެ ފޮޓޯ ހިއްސާކުރެވުނު ތަނަކީ ސިއާމް ޕަރަގޮންއެވެ. އެއީ ތައިލެންޑްގެ އެންމެ މަޝްހޫރު އަދި އެންމެ މަގްބޫލު ޝޮޕިން ސެންޓަރެވެ. ވެރިރަށް ބެންކޮކްގެ ވިޔަފާރީގެ އެންމެ ބޮޑު ރަމްޒެވެ. އެތަނުގައި ގާއިމްވެގެންވަނީ އެންމެ މަތީ ފަންތީގެ ފިހާރަތަކާއި ރެސްޓޯރަންޓްތަކެވެ. ސިނަމާއަކާއި އަކުވޭރިއަމެކެވެ. ބެންކޮކަށް ޒިޔާރަތްކުރާ އެކަކުވެސް ސިއާމް ޕަރަގޮންއަށް ވަދެނުލައި ފުރުމަކީ ވަރަށްވެސް ނާދިރު ކަމެކެވެ. އެހައިވެސް ބޮޑަށް އެތަން މަޝްހޫރެވެ. ސިއާމް ޕަރަގޮންގެ ބޮކިތަކުން ފެންނާނީ ތައިލެންޑުގެ ކުރިއަރަމުން ފުޅާވަމުންދާ އިގްތިސާދެވެ. ތައިލެންޑުގެ އަމާން މާހައުލެވެ. މިހަފުތާގައި ސިއާމް ޕަރަގޮންގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާޔަކާ ގުޅިގެން މިތަނުގެ މަލަމަތި ވަނީ ބަދަލުވެގެން ގޮސްފައެވެ. ފަހަކަށް އައިސް ތައިލެންޑުގައި އާއްމުވަމުން އަންނަ ލޭއޮހޮރުވުންތަކުގެ ހަނދާން އައުކޮށްދޭ ތަންތަނުގެ ތެރޭގައި ސިއާމް ޕަރަގޮންވެސް ވަނީ ހިމެނިގެން ގޮސްފައެވެ.
ތައިލެންޑުގެ އުމުރުން އެންމެ ސާދައަހަރުވީ ފިރިހެންކުއްޖަކު ފިސްތޯލައެއް ހިފައިގެން ސިއާމް ޕަރަގޮންއަށް މިހަފުތާގެ ބުދަދުވަހު ވަދެ ވަކިގޮތެއް ނުބަލައި އެކިދިމަދިމާލަށް އުންޑަތައް ފޮނުވައި ދެ މީހަކު މަރާލައި އިތުރު ފަސް މީހަކު ވަނީ ޒަޚަމްކޮށްލައިފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޗައިނާގެ ފަތުރުވެރިޔަކާއި ސިއާމް ޕަރަގޮންގެ ފިހާރައެއްގައި ވަޒީފާ އަދާކުރަމުންއައި ބަރުމާ މީހެކެވެ. ޒަޚަމްވި މީހުންގެ ތެރޭގައިވެސް ގިނައީ ބޭރު މީހުންނެވެ. ބަޑިޖަހަން ފެށުމާއެކު ރައްކާތެރިކަން ހޯދުމަށް އެކި ދިމަދިމާލަށް ދުވުމުގެ ތެރޭގައިވެސް ބައެއް މީހުންނަށް އަނިޔާވިއެވެ. ހަމަލަދިން ކުއްޖާ ފިލަންވެގެން ދުވެފައިގޮސްވަނީ ފަރުނީޗަރު ފިހާރައެއްގެ ތެރެއަށެވެ. ފުލުހުން އެތަން ވަށައިލުމުން އެކުއްޖާ ވަނީ އެންމެފަހުން އަމާންދީފައެވެ. އެއީ ސިއާމް ޕަރަގޮންއާއި ވަރަށް ކައިރީގައި ހުންނަ ސްކޫލެއްގެ ދަރިވަރެކެވެ. ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދަމުންއައި ކުއްޖެކެވެ. ފަހަކަށްއައިސް ބޭސް ކެއުން ހުއްޓާލާފައިވާ ކަމަށް ބުނެވެއެވެ.
މި ހަމަލަޔާ ގުޅިގެން ސިއާމް ޕަރަގޮން ވަގުތުން ބަންދު ކުރެވުނެވެ. އަދި ކައިރީގައިވާ ރޭލް ސްޓޭޝަންވެސް ބަންދު ކުރެވުނެވެ. ފަހު ދުވަހު އަލުން ހުޅުވުނު ކަމަށްވިޔަސް ސިއާމް ޕަރަގޮން އޭގެފަހުން ފެންނަނީ ތަފާތުކޮށެވެ. މީހުން މަދެވެ. ހަރަކާތްތައް މަދެވެ. މުޅިތަނަށް ފެތުރިފައިވަނީ ހިތާމައެވެ. ތައިލެންޑުގެ ބޮޑުވަޒީރު އަނެއްދުވަހު އެތަނަށް ވަޑައިގެން އަލުން ހުޅުވައިދެއްވިއަސް އެއީ ރައްކާތެރި ތަނެއް ނޫންކަމަށް ގިނަބަޔަކު ގަބޫލުކުރަނީކަމަށް ވެދާނެއެވެ. ހަމަލަދިން ވަގުތު އެތަނާ ކައިރީގައި ތިބި މީހުންގެ ތެރެއިން އެކަކީ މެލޭޝިއާގެ ޖޮހޯރު ސްޓޭޓްގެ ވަލީއަހުދެވެ. އޭނާ ވަނީ ވަގުތުން އެތަނާ ކައިރީގައި ހުންނަ ސިންގަޕޫރުގެ އެމްބަސީއަށް ވަޑައިގެން ރައްކާތެރިކަން ހޯއްދެވުމަށްފަހު ހަމައެދުވަހު އެނބުރި މެލޭޝިއާއަށް ވަޑައިގެންފައެވެ. މުޅި އުމުރުގައިވެސް މިވަރުގެ ބިރުވެރިކަމަކާ ދިމާވެފައިނެތްކަމަށް އޭނާ ވިދާޅުވިއެވެ. ކަންދިމާކުރިގޮތުން ހަމަލާގެ ދެތިން ގަޑިއެއްގެ ކުރިން އަޅުގަނޑަށްވެސް ސިއާމް ޕަރަގޮންއަށް ދެވުނެވެ. އަދި ހަމަލާގެ ދެ ދުވަހެއްފަހުން އެތަން ބަލައިލުމަށް އަނެއްކާވެސް ދިޔައީމެވެ. މީހުންގެ މޫޑަށް އައިސްފައިވާ ބަދަލު ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ.
މި ހަމަލަ ރާވައި ހިންގާފައިވަނީ ކުޑަކުއްޖަކަށްވާތީ އޭނާގެ މަގްސަދާއި ވަނަވަރާމެދު ފުލުހުންވެސް މާގިނަ މައުލޫމާތެއް ނުދެއެވެ. އެކަމަކު އޭނާ ބޭނުންކުރި ހަތިޔާރަކީ އަމިއްލައަށް މޮޑިފައިކޮށްގެން އަސްލު ފިސްތޯލައަކަށް ބަދަލުކޮށްފައިވާ އެއްޗެއްކަމަށް ބުނެފައިވެއެވެ. މިހިސާބުން އުފެދޭ ސުވާލުތައް ގިނައެވެ. ފަހަކަށް އައިސް ބަޑިޖަހައި ގިނަބަޔަކު މެރުމުގެ ހާދިސާތައް ތައިލެންޑުގައި ގިނަވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. މިޒާތުގެ ހަމަލާތައް ޝޮޕިން ސެންޓަރުތަކާއި ސްކޫލްތަކަށް އަމާޒުކުރުމުގެ ސަބަބަކީ ކޮބައިހެއްޔެވެ. ހަމަލަދިން ޒުވާނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ބަރިބަރިޔަށް ދައުވާތައް އުފުލައި މަރުގެ އަދަބު ދިނުމަކީ ނުވަތަ އުމުރަށް ޖަލަށްލުމަކީ މިކަމުގެ ހައްލު ބާވައެވެ. ތައިލެންޑުގައި މަރުގެ އަދަބު ހުއްދައެވެ. އެންމެބޮޑު އަދަބަކީވެސް އެއީއެވެ. ބަޑިޖަހައިގެންނެވެ. ވިހަ އިންޖެކްޝަން ދީގެންނެވެ. އެކަމަކު ތައިލެންޑުގައި މަރުގެ ހުކުމެއް ތަންފީޒު ނުކުރާތާ އެކާވީސް އަހަރު ވެއްޖެއެވެ.
މީގެ ހަތަރު އަހަރު ކުރިން 2020 ވަނަ އަހަރުގެ ކުރީކޮޅު ތައިލެންޑުގެ ސިފައިންގެ މީހަކު ވަނީ ކޮރާތުގެ ޝޮޕިން ސެންޓަރަކަށްވަދެ ބަޑިޖަހައި 29 މީހުން މަރާލައި އިތުރު 58 މީހަކު ޒަޚަމްކޮށްލައިފައެވެ. އޭނާ އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރޭގައި އޭނާވެސް ވަނީ މަރުވެފައެވެ. މިހާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ޝޮޕިން ސެންޓަރުގެ ތެރޭގައި ވިޔަފާރިކުރަން ތިބި މީހުންނެވެ. މީގެ ބަރާބަރު އެއް އަހަރު ކުރިން 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އަނެއްކާވެސް މިފަދަ އެހެން ހާދިސާއެއް ވަނީ ހިނގައިފައެވެ. ތައިލެންޑުގެ އުތުރުގެ ނޮންބުއާގެ ޑޭކެއަރ ސެންޓަރެއްގައި ބަޑިޖަހައި 38 މީހަކު ވަނީ މަރާލައިފައެވެ. އޭގެތެރޭގައި 24 ކުޑަކުއްޖަކުވެސް ހިމެނެއެވެ. މިއީ ތައިލެންޑުގެ ތާރީޚުގައިވެސް މިހާތަނަށް ހިނގާފައިވާ އެންމެބޮޑު ލޭއޮހޮރުވުމެވެ. މި ހަމަލާ ދީފައިވަނީ ފުލުހުންގެ ތެރޭގައި ކުރިން އުޅެފައިވާ މީހެކެވެ. ހަމަލާ ދިނުމުގައި އޭނާ ބޭނުންކޮށްފައިވަނީ ފިސްތޯލަޔަކާއި ބޮޑު ވަޅިއެކެވެ.
ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިޒާތުގެ ތިން ހަމަލާއެއް ތައިލެންޑުގައި ހިނގާފައިވާއިރު މިއިން ކޮންމެ ހަމަލާއެއްގެ ސަބަބަކަށްވެސް ވެފައިވަނީ ނަފްސާނީ ބަލި މީހެކެވެ. ކޮރާތުގެ ޝޮޕިން ސެންޓަރަށްވަދެ ހަމަލަދިން މީހާ ނަފްސާނީ ވެފައިވަނީ ސިފައިންގެ ތެރޭގައި އޭނާއަށް ދިމާވި އުނދަގޫ ހާލަތާއި އާއިލާގެ ތެރެއިން ކުރިމަތިވި ހިތްދަތިކަމާއި މާލީ ބުރަތަކެވެ. އެހެންވެ އޭނާ ގަސްތުކުރީ ވީހާވެސް ގިނަބަޔަކު މަރައިލުމަށެވެ. އެކަމަށް އިޚުތިޔާރުކުރީ ޝޮޕިން ސެންޓަރެކެވެ. ޑޭކެއަރ ސެންޓަރަށް ހަމަލަދިން މީހާ ނަފްސާނީ ވުމުގެ ސަބަބަކީ އޭނާގެ އާއިލާއެވެ. އޭނާގެ ބަލީގެ ޝިކާރައަކަށް ކުޑަކުދިންނާއި އަންހެނުން ހަދަން ނިންމުމުގެ ސަބަބަކީ އެއީއެވެ. އެންމެފަހުން މިހަފުތާގައި ބެންކޮކްގެ ސިއާމް ޕަރަގޮންގައި ހަމަލާދިން ކުޑަކުއްޖާ ނަފްސާނީ ވުމުގެ ސަބަބު އަދިއޮތީ ވަންހަނާ ކުރެވިފައެވެ. ސިއާމް ޕަރަގޮންއަކީ ކޮންމެ ދުވަހަކު އޭނާ ނުހަނު ކައިރިން ދެކޭ ތަނެކެވެ. އެތަނުގެ ކައިރީގައިވާ ސްކޫލަކަށް ދާންޖެހޭތީއެވެ. ޔަގީންވާ އެއްޗަކީ ޝޮޕިން ސެންޓަރަށް ވަދެނުކުމެވާ މީހުންނާމެދު ކޮންމެވެސް ހަސަދަވެރިކަމެއް އުފެދިފައިވާ ކަމެވެ. މިޒާތުގެ ހަސަދައެއް އުފެދޭ ކޮންމެ މީހަކު ބަޑިހިފައިގެން ނުކުމެ މީހުން މަރާ ހިސާބަށް ދިޔައީމާ މުޅި ނިޒާމުގައި ގޯހެއް އެބައުޅޭކަން ޔަގީންވެއެވެ. އެގޯސް ރަނގަޅުކޮށް މުޖުތަމައުގެ ރައްކާތެރިކަން އަލުން ކަށަވަރުކުރުމަށް ވިސްނަންޖެހޭ ސީރިއަސް ވިސްނުންތަކެއް ހުންނާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ