ޕީއެންސީގެ ރައީސްއަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ.

މިރޭ ބޭއްވި ޕީއެންސީގެ މަޖިލީހުގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސަކަށް މުއިއްޒު ހަމަޖެއްސި އިރު، ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުއެވެ. އަދި ޗެއާޕާސަން ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސައިފައެވެ.

ޕީއެންސީން ބުނީ އެޕާޓީގެ މަޖިލީހުގެ 50 މެމްބަރުންގެ ތެރެއިން މިރޭގެ ޖަލްސާގައި 41 މެމްބަރަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މަގާމުތަކަށް އެބޭފުޅުން އިންތިހާބުކޮށްފައިވަނީ 40 މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށްޓަކައި ޑރ. މުއިއްޒު އެޕާޓީއާ ގުޅިވަޑައިގެންނެވީ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ޕީއެންސީއާ ގުޅިވަޑައިގަތީ އިންތިހާބުގެ ކުރިން ކަމަށް އެޕާޓީން ބުނެއެވެ. ނަމަވެސް ގުޅިވަޑައިގެންނެވި ތާރީހެއް ހާމައެއް ނުކުރެއެވެ.

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރައްވައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި، މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 129,159 ވޯޓުންނެވެ. އެއީ 54 ޕަސެންޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109,868 ވޯޓެވެ. އެއީ 45 ޕަސެންޓެވެ.