ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމައިފިއެވެ.
އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މެންބަރުންނަށް ބަހުސްކުރުމަށް ފުރުސަތުދިނުމަށްފަހު، ސެކްރެޓޭރިއަޓްގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވަނީ ގަރާރެއް ހުށަހަޅުއްވައިފައެވެ.
"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލިސް އިގުރާރުވަނީ ދިވެހިރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ނަމަ، އެ ވޯޓެއްގައި މި ޕާޓީން ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރަން،" އެ ގަރާރުގައިވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުން އެ ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުންނެވެ. ބަހުސްގައި ވެސް ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ފިޔަަވައި، ހުރިހާ މެންބަރުން ވެސް ވާހަކަދެއްކެވީ ބަރުލަމާނީ ނިޒާމު ގެންނަން ނުފެންނަ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އިން ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތްކުރަމުންދަނީ އިންތިހާބީ ރައީސް މުއިއްޒަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު