އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައީސުލްޖުމްހޫރިއްޔާގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުގެ ފުރުސަތު ދެއްވަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިމާދުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ދެކޮޅުވެރި ޕާޓީއެއް ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މިތިބި ތަނަކީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިން އިންތިހާބެއް ބާއްވައި، ރައީސުލްޖުމްހޫރިއްޔާ ކަމަށް އަޅުގަނޑުމެންނާ އިދިކޮޅު ކެންޑިޑޭޓަކު ހޮވުނީ. ހޮވުނީމާ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވިސްނުމެއް އޮވެގެން ނުވާނެ އެ އިންތިހާބުވި ބޭފުޅާ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި އިށީނދެވަޑައިގެންނެވުމުގެ ކުރިން އެ ގޮނޑި ދަމައިގަންނަން. އެއީކީ ޒިންމާދާރު އިދިކޮޅު ބައެއް ނޫން. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އަޅުގަނޑުމެން އެމަނިކުފާނަށް އެ ފުރުސަތު އަރުވަން ޖެހޭ. އެއީ ދިވެހިރާއްޖޭގެ ރައްޔިތުން ބުނެފައި އެ އޮތީ ތިމަންނަމެން ރައީސުލްޖުމްހޫރިއްޔާއަކަށް ބޭނުންވަނީ ޑރ. މުއިއްޒޭ. އެހެންވީމާ ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އެ ގޮނޑީގައި އިށީނުމުގެ ފުރުސަތު ދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންތިހާބުން ބަލިވި ނަމަވެސް، މިއީ ހިތަށް މާބޮޑު މާޔޫސްކަމެއް ގެންނަންވީ ވަގުތު ނޫން ކަމަށާއި މިވަގުތަކީ ހިތްވަރު ގަދަކުރަންވީ ވަގުތު ކަމަށެވެ. އަދި މިވަގުތު އަޒުމު އާކޮށް، އާ ފޯރިއާއި އާ ޖޯޝަކާއެކު ސަފުތައް ރުކުރުވާލަން ޖެހޭ ކަމަށެވެ.
މިހާރު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި މެންބަރުންގެ ރޫހު ހުރީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ނުގެނައުމަށެވެ. އަދި ދަ ޑިމޮކްރެޓްސް އިން ބަރުލަމާނީ ނިޒާމު ގެނައުމަށް މަސައްކަތްކުރަމުންދަނީ އިންތިހާބީ ރައީސް މުއިއްޒަށް ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް ބައެއް މެންބަރުން ވަނީ ފާހަގަކޮށްފައެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ނިޒާމީ ވޯޓަކަށް ދާން ޖެހިއްޖެ ނަމަ، ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީގޮތުން އެމަނިކުފާނު މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު