އިންޑިއާގެ އެއާ ވިސްޓާރާއިން ނިއުދިއްލީ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ފަށައިފިއެވެ.
އެމްއޭސީއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މާލެއިން އިންޑިއާގެ ނިއުދިއްލީއާ ދެމެދު ވިސްޓާރާގެ ދަތުރުތައް ފަށާފައިވާ ކަމަށެވެ. އެ އެއާލައިނުން ދަތުރު ކުރާ ބޯޓަކީ އޭ320 ނިއޯ އެއާކްރާފްޓެއް ކަމަށެވެ.
ވިސްތާރާ އިން ރާއްޖެ އިން ދިއްލީ ދަތުރުތަކުގައި ބޭނުން ކުރާނީ އެއާބަސް އޭ320 ނިއޯ މަރުކާގެ ބޯޓުތަކެވެ. އެ ބޯޓުތަކުން އިކޮނޮމީ، ޕްރީމިއަން އިކޮނޮމީ އަދި ބިޒްނަސް ކްލާހުގައި ދަތުރު ކުރެވޭ ގޮތަށް ހަމަޖެހިފައިވެއެވެ.
އެމްއޭސީއެލުން ބުނީ ވިސްތާރާގެ ދަތުރުތައް އޮންނާނީ ކޮންމެ ދުވަހަކު ކަމަށާއި ޓިކެޓުގެ އަގުތަކުގެ ތަފްސީލު އެއާ ވިސްތާރާ ފްލައިޓް ވެބްއިން ލިބެން ހުންނާނެ ކަމަށެވެ.
ވިސްތާރާގެ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލުން ބޭއްވި ހަފުލާގައި އެ ކުންފުނީގެ އިސްވެރިންނާއި ލޯކަލް ޓްރެވަލް އޭޖެންސީއެއް ކަމަށްވާ ސްކައިޕްލޭންގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ވިސްތާރާ އިން ދަތުރުތައް ފެށުމުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ވަރުގަދަވާނެ ކަމަށް އެމްއޭސީއެލުން ދެކެއެވެ.
ވިސްތާރާގެ އިތުރުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާ އިންޑިއާގެ އެއާލައިނަކީ އިންޑިގޯއެވެ. އެ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް އެ ގައުމުގެ ކޮޗިން، މުމްބާއީ އަދި ބެންގަލޫރަށް ކުރެއެވެ.
އެއާ ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި، ސިންގަޕޯ އެއާލައިންސް ހިއްސާވެގެން އުފައްދާފައިވާ އެއާލައިނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު