ރާއްޖޭގެ ރިއަލް ޖީޑީޕީ މި އަހަރު 6.5 ޕަސެންޓް ކުރިއެރި ނަމަވެސް ކުރިއަށް އޮތް ދެ އަހަރު އިގުތިސާދު ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު, މިދިޔަ އަހަރުގެ އޮކްޓޯބަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މި އަހަރު ރާއްޖޭގެ އިގުތިސާދު 7.6 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން އަންނަނީ ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށްވުރެވެސް ހަލުވި މިނެއްގައެވެ.
ގައުމުތަކުގެ އިގުތިސޯދީ ހާލަތު ބަޔާންކޮށް ވޯލްޑް ބޭންކުން އަހަރަކު ދެ ފަހަރު ނެރޭ އަޕްޑޭޓް މިއަދު ވަނީ ނެރެފައެވެ. އެ އަޕްޑޭޓާއެކު މިއަދު ވޯލްޑް ބޭންކުން ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދީ ތަސައްވަރު ރަނގަޅެވެ.
އެގޮތުން ރާއްޖޭގެ އިގުތިސާދު 6.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް 2024 އިން 2025 އަށް އެވްރެޖްކޮށް އިގުތިސާދު ކުރިއަރާނެ ކަމަށް ބުނެފައިވަނީ 5.4 ޕަސެންޓެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން, ދުނިޔޭގެ އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާނަމަ, މާލީ ގޮންޖެހުންތައް ބޮޑުވެ, އޭގެ އަސަރު އިގުތިސާދަށް ކުރާނެ އެވެ. އެހެންވެ ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނީ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ބުނީ, ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ޖުމުލަ ދަރަނި ޑީޖީޕީގެ ނިސްބަތުން 115 ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. މިއީ މި އަހަރު ހުރި ނިސްބަތަށްވުރެ 1.4 ޕަސެންޓް އިތުރުވުމެކެވެ. އެ ނިސްބަތް 2025 ވަނަ އަހަރު 116. ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށްވެސް ވޯލްޑް ބޭންކުން ބުންޏެވެ.
ވޯލްޑް ބޭންކުން ބުނީ, މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާއެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ.
އެގޮތުން އާސަންދަ ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް, ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަނގަޅަށް އެކަށައަޅައި, ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމުވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓުތައް ކުރުމަށް ވަރުގަފަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ އިސްލާހީ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް ބުންޏެވެ. އަދި އާމްދަނީގެ ދާއިރާއިން ޓެކްސް ބޭސް ފުޅާކުރުމާއި ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި ނުރަސްމީ އިގުތިސާދީ ހަރަކާތްތައް މަދުކުރުމާއި ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން އަދި ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.
"ރާއްޖޭގެ އިގްތިސާދު މި އަހަރު %6.5 ގައި، ރަނގަޅު މިންވަރެއްގައި ކުރިއަރާނެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ކާރިސާތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ކަށަވަރު ކުރުމަށްޓަކައި އަދި ފަހުގެ އިސްލާހުތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ އިގްތިސާދީ މި ނާޒުކު ހާލަތުގައި އަދި މިހާރު ވެސް ޑެފިސިޓްތައް މަތިވެފައިވާތީ، ދަރަނި ބެލެހެއްޓުމާއި ޕްލޭންކޮށްގެން އިންވެސްޓްމަންޓްތައް ކުރުން ހަރުދަނާކުރުން ހިމެނޭ ގޮތަށް މާލީ ފިޔަވަޅުތައް އެޅުން މުހިންމު،" ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު