ރިޔާސީ އިންތިހާބު ނިމުމުން އާ ޕްރޮޖެކްޓުތަކާއެކު ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގޮވާލައިފިއެވެ.
އޭސީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންތިހާބު ނިމި، ވެރިކަން ހިންގުމުގެ ބާރާ އާ ސަރުކާރުން ހަވާލުވުމުގެ ވަގުތު ކައިރިވަމުންދާ މި ދަނޑިވަޅުގައި ބައެއް ފަރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށެވެ.
އެހެންކަމުން މި ދަނޑިވަޅުގައި އެފަދަ ކަންކަން ނުކުރުމަށް ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޭސީސީން ވަނީ ގޮވާލައިފައެވެ. އަދި މި ދަނޑިވަޅުގައި ވަކި ގޮތަކަށް އަމަލުކުރުމަށް އޭސީސީން ވަނީ އަންގައިފައެވެ.
އެގޮތުން މުޅިން އާ ޕްރޮޖެކްޓުތައް ނުފެށުމަށާއި، ހަރަދުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށާއި، ކުރަންޖެހޭ ހަރަދުތައް ފިޔަވައި އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރުމަށް ވަނީ އަންގައިފައެވެ. އަދި ކުރިން ބަޖެޓުކޮށްފައި ނުވާ ނުވަތަ ކުރިން ޕްލޭންކޮށްފައި ނުވާ އާ ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށް ވެސް އޭސީސީން އަންގާފައިވެއެވެ.
އޭގެ އިތުރުން ނިންމާ ނިންމުމެއްގެ ސަބަބުން ކޮރަޕްޝަނުގެ އަމަލަކަށް މަގުފަހިވާގޮތަކަށް ކަމެއް މެދުވެރިވެދާނެ އިހުތިމާލު އޮންނަ ނަމަ، އެފަދަ ނިންމުންތައް ނުނިންމުމަށާއި، ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު ފައިސާ އާއިި ވިޔަފާރި އާއި މުއާމަލާތްތަކާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް ވަނީ އަންގައިފައެވެ. އެކަންކަމަށް އޮފީސްތަކާއި އިދާރާތަކާއި ކުންފުނިތައް އަދި މުއައްސާތަކުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަމާލުކަން ދެއްވުމަށް ވެސް އޭސީސީން އެދިފައިވެއެވެ.
އޭސީސީން ބުނީ މި ދަނޑިވަޅުގައި އެފަދަ އަމަލެއް ހިންގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ، އެ މައުލޫމާތު އެ ކޮމިޝަނާ ހިއްސާކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށާއި ކޮމިޝަނުން އެފަދަ ކަންކަމަށް ފާރަވެރިވެ، ތަހުގީގުކުރަން ޖެހޭ ކަންކަން ދެނެގަނެ ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. އަދި އެ ކޮމިޝަނުން އެފަދަ އަމަލުތައް ހުއްޓުވައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު