މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ އަމާން، ހާމަކަން ބޮޑު އިންތިހާބެއް ކަމަށް ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުން ބުނެފިއެވެ.
އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވްކުރި ކޮމަންވެލްތުގެ އޮބްޒާވަރުންގެ ޓީމުގެ ފަރާތުން އެ ގްރޫޕުގެ ޗެއާ އަދި ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފައުރް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުރަތަމަ ބުރެކޭ އެއްގޮތަށް ދެވަނަ ބުރުގައި ވެސް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއް އެމީހުންގެ ވޯޓުލުމުގެ ހައްގު ފުރިހަމައަށް ބޭނުންކޮށްފައިވާ ކަމަށާއި އެކަން ފުރިހަމައަށް ގެންދެވިފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ދިވެހި ފުލުހުންގެ މަސައްކަތާއެކު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކަންކަން ކުރިއަށްދިޔައީ ސުލްހަވެރި، ހާމަކަން ބޮޑު ގޮތެއްގައި. އަނެއްކާވެސް ރާއްޖޭގެ ރައްޔިތުން މި ދައްކުވައިދިނީ ޑިމޮކްރަސީގެ ސިފަތައް. އަޅުގަނޑުމެން މީގެ ކުރިން ވެސް ރާއްޖޭގެ ރައްޔިތުންގެ ފަރާތުން އެދުނު ކަމަކީ އެއީ،" ފައުރްގެ ބަޔާނުގައި ވިދާޅުވިއެވެ.
ފައުރް ވަނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވި އޮފިޝަލުން ވެސް ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދެވިކަން ފާހަގަކުރައްވައިފައެވެ. އަދި ކަނޑައަޅާފައިވާ ވަގުތަށް ވޯޓުލާން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ފާހަގަވި ކަންކަމާ ގުޅޭގޮތުން ހިއްސާކުރި ހިޔާލުތަކާ އެއްގޮތަށް އީސީން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެ ކޮމިޝަނުން ވޯޓުގެ ސައްހަކަން ކަށަވަރުކުރުމަށް ވޯޓުލާ ބޫތުތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވޯޓުލާ ސަރަހައްދު ބޮޑުކޮށްފައިވާ ކަމަށްވެސް ފައުރް ވިދާޅުވިއެވެ.
ފައުރް ވިދާޅުވީ ފުރަތަމަ ބުރާއި ހިލާފަށް ދެވަނަ ބުރުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ޒުވާނުން ގިނަ ކަމަށެވެ. އަދި ވަގުތުން ވަގުތަށް އީސީގެ އޮފިޝަލުން ވޯޓުގެ ކަންކަމުގެ މައުލޫމާތުދީފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފައުރް ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބަށް ވެސް މަރުހަބާ ދަންނަވައިފައެވެ. އަދި ސަރުކާރު ބަދަލުވުމުގެ ކަންކަން ވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކުރިއަށްގެންދިއުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު