ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ވެރިކަންކެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށްފައިވަނިކޮށް ވެރިކަމުގެ ނިޒާމު ފޮރޮޅާލަން އުޅުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ވަނީ، ނިޒާމީ ވޯޓެއް ނެގުމަށް ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައެވެ. އެ ކޮމިޝަނުގެ ނިންމުމަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.

ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހު ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ނާޒިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުންގެ ނިންމުން ބަދަލުކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ދިވެހި ރައްޔިތުން ވަނީ ކުރިޔަށް އޮތް ފަސް އަހަރަށް ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކޮށްފައި. ވެރިކަމުގެ ނިޒާމު ފުރޮޅާލައި، ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލުކުރަން އުޅުމަކީ ކުރެވިގެންވާނޭ ކަމެއް ނޫން،" ނާޒިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާޒިމްގެ ޕާޓީ އެމްއެންޕީން ކޯލިޝަން ހެދީ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ޕީޕީއެމް-ޕީއެންސީއާ އެވެ. އިއްޔެގެ އިންތިހާބުން 54 ޕަސަންޓުން ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.