ރާއްޖޭގެ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލު ކުރަން ފެނޭތޯ ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށްފަހު ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކަށް އިތުރަށް ރައްޔިތުންގެ ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ދަ ޑިމޮކްރެޓްސްއިން ހުށަހަޅައިފިއެވެ.
ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށްފަހު އެ ބިލް ރައީސް ތަސްދީގު ކުރެއްވުމުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ، ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ މި ބިލުގެ ފުރަތަމަ ކިޔުން މާދަމާ އިއްވާނެއެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ، ނިޒާމީ ވޯޓެއް ނެގުމަށް ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފައެވެ. އެ ކޮމިޝަނުގެ ނިންމުމަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމެވެ.
ގަރާރެއްގެ ގޮތުގައި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
ޚަބަރު
ޚަބަރު
ޚަބަރު