ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ގެނައުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުން ތާއިދު ކުރެއްވިޔަސް، އޭނާ ތާއިދު ނުކުރައްވާނެ ކަމަށް އެމްޑީޕީ ޗެއާޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސެންޓު މެމްބަރުން ތާއީދުކުރައްވާނަމަ އެ މަނިކުފާނު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަޝީދުގެ އަންއޮފިޝަލް ޓްވިޓާ އެކައުންޓް، އަނެއް ދިވެހިރާއްޖޭން ކޮށްފައިވާ ޓްވީޓަކަށް ރިޕްލައިދެއްވައި އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ގައުމީ މަޖިލީހުގެ އެންމެން ތާއީދުކުރިޔަސް ނަޝީދު ގެނައުމަށް އޭނާ ތާއީދު ނުކުރައްވާނެ" ކަމަށެވެ.

އިބުރޭ "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި، ނަޝީދު އެމްޑީޕީއަށް ގެނައުމަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅު ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ޒަމާންވީ ގާތް ދެ ރަހުމަތްތެރިން ނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފަހުން ސިޔާސީ ގޮތުން ދެ ބޭފުޅުން ހިޔާލު ވަރަށް ބޮޑަށް ތަފާތުވިއެވެ. އެ މައްސަލައިގެ ތެރެއިން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއްވެސް އުފައްދަވައިފައެވެ.

އަދި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޑީޕީން އިސްތިއުފާ ދެއްވައި، އެ މަނިކުފާނުގެ ޕާޓީ މެދުވެރިކުރައްވައި ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ. ނަޝީދާއެކު އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުންވެސް ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ހުށަހެޅުއްވި އިރު، އެ މަނިކުފާނު ވަނީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ރައީސް ސޯލިހާއި އެމްޑީޕީން ކުރި ކެމްޕޭނަށް ތައުރީފު ކުރައްވައިފައެވެ.