ހެރީ ޕޮޓާގެ ''ޑަމްބަލް ޑޯ'' މަރުވެއްޖެއެވެ.
ހެރީ ޕޮޓާގެ މަޝްހޫރު އެކްޓަރު އުމުރުން 82 އަހަރުގެ މައިކަލް ގަމްބޮން މަރުވެފައި ވަނީ ނިއުމޯނިއާއަށް ފަރުވާ ދެމުންދަނިކޮށް ކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ވެއެވެ.
''ޑަމްބަލް ޑޯ''ގެ ނަމުން މަޝްހޫރު ވި ގަމްބޮން މަރުވެފައިވަނީ ހޮސްޕިޓަލުގައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އާއިލާއިން ނެރުނު މި ބަޔާނުގައި، މިދަނޑިވަޅުގައި ގަމްބޮންގެ ސަޕޯޓަރުން ފާޅުކުރަމުން އަންނަ ޝުއޫރުތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.
ގަމްބޮން ވަނީ ހެރީ ޕޮޓާގެ އިތުރުން މުނިފޫހިފިލުވުމުގެ އެހެން ދާއިރާތަކުގައިވެސް ބޮޑު ސަޕޯޓެއް ހޯދައިފައެވެ. އޭނާވަނީ ޓީވީ ޝޯތަކާއި ފިލްމްތަކުގެ އިތުރުން ރޭޑިއޯ މެދުވެރިކޮށްވެސް ހުނަރުތައް ދައްކާލައިފައެވެ.
ގަމްބޮން އެންމެ މަޝްހޫރު ވެފައިވަނި ހެރީޕޮޓާގައި އޭނާ ކުޅެފައިވާ ޑަމްބަލް ޑޯގެ ރޯލުންނެވެ.