ދޮގު މައުލޫމާތު އެންމެ ގިނައީ އެކްސްގައި ކަމަށް އީޔޫއިން ބުނެފިއެވެ.

ޔޫރަޕިއަން ޔޫނިއަން އިން ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ ހަ ސޯޝަލް މީޑިއާ ޕްލެޓްފޯމު މެދުގައި ކުރި ދިރާސާއިން ވަނީ އެންމެ ދޮގު މައުލޫމާތު ގިނައިން ފެންނަނީ އެކްސްއިން ކަމަށް ހާމަވެފައެވެ. އެކްސް އަކީ ޓްވިޓާ ރިބްރޭންޑް ކުރުމަށްފަހު ދިން ނަމެކެވެ.

އީޔޫ އިން ވަނީ 6،000 އަށްވުރެން ގިނަ ސޯޝަލް މީޑިއާ ޕޯސްޓްތައް ދިރާސާކޮށްފައެވެ. އެގޮތުން ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ލިންކްޑުން އަދި ޓިކްޓޮކް އާއި އެކްސް އަދި ޔޫޓިއުބް ވެސް ދިރާސާކޮށްފައިވެއެވެ.

މިދިރާސާގައި އީޔޫ އިން ވަނީ ސްޕެއިން އަދި ޕޮލޭންޑާއި ސްލޮވާކިއާއިން ކޮށްފައި ހުންނަ ޕޯސްޓުތަކުން ދޮގު މައުލޫމާތު ގިނައިން ފެނިފައިވާ ކަމަށް ފާހަގަކޮށްފައެވެ.

އިޔޫގެ ދިރާސާއިން އެކްސްގެ ދޮގު މައުލޫމާތު ހިމެނޭ ޕޯސްޓްތައް ދިރާސާއިން ހާމަވުމާއެކު އެޔޫނިއަން އިން ވަނީ އެކަން ވަރަށް ކައިރިން ބަލަމުންދާ ކަމަށް ބުނެފައެވެ.

އީޔޫއިން ވަނީ އެންމެ ގިނަ ދޮގު މައުލޫމާތު ފާހަގަވި ތިން ގައުމުގައި ޔޫކްރެއިން ހަނގުރާމައިގެ ހަބަރުތަކާއި އެގައުމުތަކުގައި ކުރިޔަށްދާ އިންތިހާބުތަކުގެ ހަބަރުތައް އޮޅުވާލައި ފަތުރަމުންގެންދާކަން ފާހަގަކޮށްފައެވެ.