އެމްއެންޑީއެފުގެ ހުއްދަނެތި އުތުރުތިލަފަޅުގެ ބަނދަރަށް ވަދެ ބަނދަރުގެ ބައެއް ވީޑިއޯ ކުރި މައްސަލަ އެމްއެންޑީއެފުން ފުލުހަށް ހުށަހަޅައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން މާލޭގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފުލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށެވެ.
"ދިޔަރެސް" ނޫހުގެ ދެ ނޫސްވެރިއަކާއި އިތުރު ދެ މީހަކު އިއްޔެ ވަނީ ލޯންޗެއްގައި އުތުރުތިލަފަޅަށް ގޮސް އެ ތަނަށް ވަނުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެތަނުގައި ހުރި އެމްއެންޑީއެފުގެ މީހަކު ވަނީ އެ ތަނަށް ނޭރެނޭ ކަމަށާއި ފޮޓޯ އަދި ވީޑިއޯ ނުކުރެވޭނެ ކަމަށް ބުނެފައެވެ. އެއިރު ލޯންޗުގައި ހުރި މީހަކު ވަނީ އުތުރުތިލަފަޅުން ގޯތި ދިނުމަށް ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށާއި އެހެންވެ ގޯތި ދޭތަން ބަލައިލަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެމްއެންޑީއެފުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އިދާރާގެ މަރުކަޒުތަކަކީ އެ މުއައްސަސާގެ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށެވެ. އަދި އެ މުއައްސަސާގެ ހުއްދަނެތި މަރުކަޒުތަކަށް ވަންނަ މީހުން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ލާޒިމުކޮށްފައިވާ ކަމެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުގެ މަތިން ދިޔަރެސް ނޫހުގެ ނޫސްވެރިން އުތުރުތިލަފަޅަށް އަރަން އުޅުމުން އެމްއެންޑީއެފް ބޭކަލަކު ވަނީ އެ މީހުން ހުއްޓުވާފައި ކަމަށް ބުންޏެވެ.
"ވީމާ، އެމްއެންޑީއެފުގެ ހުއްދަނެތި އެމްއެންޑީއެފުގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމަ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މި ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަ ދަންނަވަމެވެ،" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، އުތުރުތިލަފަޅުގައި އޮންނަ އެމްއެންޑީއެފްގެ ސިފަވަރު ބަނދަރަށް ހުއްދަ ހޯދުމެއްނެތި ވަދެ ވީޑިއޯކޮށް، ވިޑިއޯ އާންމު ކޮށްފައިވާތީ އާއި އެ ރަށުގައި ހުރި އެމްއެންޑީއެފްގެ ސާޖެންޓް ފަސްޓް ކްލާސްގެ އަމުރަށް ނުކިޔަމަންތެރިވެ، އެރަށަށް އަރަން އުޅުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އެ ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ހުއްދަ ނެތި ވަންނަން އުޅުމަކީ އަދި ވަނުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި ހުއްދަނެތި އަސްކަރީ މަރުކަޒުތަކަށް ވަންނަން އުޅެ މީހުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު