ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރާ ދާއިރާގެ ރައްޔިތުންގެ ސިއްރު ވޯޓުންނާއި ޕާޓީ ބަދަލުކޮށް، ފްލޯ ކުރޮސްކުރާ މަޖިލިސް މެންބަރުން މަގާމުން ވަކި ކުރެވޭގޮތަށް ބަރުލަމާނީ ނިޒާމުގެ ތެރެއިން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު މަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް، ވެރިކަމުގެ ނިޒާމާބެހޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ އާއްމު ވޯޓަކަށް ދާން މިޖިލީހުން ފާސް ކުރުމާ ގުޅިގެން، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމުގެ އަސާސީ ސިފަތަށް ހިމެނޭ މައުލޫމާތު ކަރުދާހެއް ރައްޔިތުންގެ މަޖިލީހުން ތައްޔާރުކޮށް މަޖިލީހުން ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.
އެ ކަރުދާސް އެކުލެވިގެންވާ ގޮތާބެހޭ މައުލޫމާތު މަޖިލިސް ރައީސް އިއްޔެ ވަނީ ނޫސްވެރިންނަށް ދެއްވައިފައެވެ.
އެ ކަރުދާހުގައިވާގޮތުން، ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްފައިވާ މެންބަރަކު އެ އިންތިހާބުގެ ދައުރުގެ ތެރޭގައި މެންބަރުކަމުން ވަކި ކުރުމަށް އޭނާ އިންތިހާބު ކޮށްފައިވާ ދާއިރާއެއްގެ ވޯޓުދޭ ރައްޔިތުން ބޭނުންވެއްޖެނަމަ، އެ ރައްޔިތުންގެ ސިއްރު ވޯޓަކުން އެކަން ކުރެވޭނެއެވެ.
އެގޮތުން އޭނާގެ ސިއްރު ވޯޓެއްގައި އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށް ލިބުނު ޖުމްލަ ވޯޓުގެ 50 ޕަސެންޓް އެ މެންބަރަކަށް ލިބިފައިނުވާނަމަ، އެ މެންބަރަކު އިންތިހާބު ކޮށްފައިވާ ދާއިރާގެ ރައްޔިތުންގެ އިތުބާރު އެ މެންބަރަކަށް ނެތް ކަމަށް ބަލައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އޭނާ ވަކިވާނެއެވެ. އެފަަދަ ހާލަތެއްގައި އެ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް އޮންނާނެއެވެ.
ބަރުލަމާނީ ނިޒާމުގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވުމަށްފަހު އެ އިންތިހާބުގެ ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކި ވެއްޖެނަމަ، ނުވަތަ އިންތިހާބުވި ޕާޓީ ނޫން ޕާޓީގެ މެމްބަރަކަށް ވެއްޖެނަމަ އެމީހަކު ރައްޔިތުންގެ މަޖިލިހުގެ މެންބަރުކަމުން ވަކިވާނެއެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ވާދަ ކޮށްގެން މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވާ މެންބަރަކު، އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށްފަހު، އެމީހަކު އެޕާޓީގެ މެންބަރުކަން ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް ހިމަނާފައިވެއެވެ.
މިއިން ކޮންމެ ހާލަތެއްގައި އެ ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބާއްވަން ޖެހެއެވެ.
ބަރުލަމާނީ ނިޒާމުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފާސްކުރެވޭ ބިލްތައް ފިޔަވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ގާނޫނަށް ވާނީ ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުންނެވެ. އަދި މަޖިލީހުން ފާސްކުރާ ބިލްތައް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މިގޮތުން ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލާ ބިލުތައް ގާނޫނަށް ވާނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން އަލުން ފާސްކުރީމައެވެ.
- ވަޒީރުންގެ މަޖިލިސް:
ބަރުލަމާނީ ނިޒާމުގައި ވަޒީރުންގެ މަޖިލިސް އައްޔަން ކުރާނީ ބޮޑުވަޒީރެވެ. ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަން ކުރާނީ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.
ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާއި ވަޒީރުން ޖަވާބުދާރީވާން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށް އަދި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާތަކުގައި ބޮޑުވަޒީރާއި ވަޒީރުންނާ ސުވާލު ކުރެވޭނެ ކަމަށްވެސް ކަރުދާހުގައިވެއެވެ.
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ބޮޑު ވަޒީރެވެ.
ބަރުލަމާނީ ނިޒާމުގައި ބިޑުވަޒީރަކަށް ހުންނާނީ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޮންނަ މެންބަރެކެވެ.
ބަރުލަމާނީ ނިޒާމުގައި ސަރުކާރު ހިންގުމުގެ އެންމެހާ ބާރުތައް ލިބިގެން ވާނީ ބޮޑު ވަޒީރަށެވެ. ބޮޑު ވަޒީރުގެ މުއްދަތު ބަރުލަމާނީ ނިޒާމުގައި، ބޮޑު ވަޒީރަށް އެ މަގާމުގައި ދެމި ހުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އޭނާއަށް އޮންނަ މުއްދަތަށެވެ.
ސަރުކާރު ނުވަތަ ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ، ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ބޮޑު ވަޒީރު އިސްތިއުފާ ދޭން ޖެހޭނެއެވެ. އެ ހިނދެއްގައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އާ ސަރުކާރެއް އެކުލަވާލަން ޖެހޭނެއެވެ. އަދި ރައްޔިތުންގެ މަޖިލިސް އުވުމުން ސަރުކާރު އުވިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު