އުތުރުތިލަފަޅު (ޔޫޓީއެފް)ގައި އެމްއެންޑީއެފުން ތަރައްގީކުރާ ޑޮކްޔާޑަކީ ބޭރުގެ އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ފަދަ ބިޔަ މަނަވަރުތައް އަޅައި، މަރާމާތުކޮށް އަދި އެހެލައި ބޭލުން ފަދަ ކަންކަން ކުރެވޭ ގޮތަށް ހަދާ ތަނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އުތުރުތިލަފަޅުގައި ތަރައްގީ ކުރަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށާއި އެތަނުގައި އިންޑިއާގެ މަނަވަރުތައް އަޅައި މަރާމާތުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އޫޓީއެފްގައި ތަރައްގީ ކުރަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއާ ފެސިލިޓީއެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޫޓީއެފްއަކީ ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކަށް ހާއްސަ ކުރެވިގެން ތަރައްގީ ކުރެވޭ ތަނަކަށްވާތީ، ކޯސްޓްގާޑް ޝިޕް ހުރަވީއަށް ވުރެ ބޮޑެތި އުޅަނދުފަހަރު އެހެލައި މަރާމާތުކުރެވޭ ފެންވަރަށް އެތަން ތަރައްގީ ނުކުރާނެ ކަމަށެވެ.

"އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށް ވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށް ވާތީ، އުތުރު ތިލަފަޅުގައި ތަރައްގީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅައި މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އޫޓީއެފްގައި ބަނދަރަކާއި ޑޮކް ޔާޑެއް ތަރައްގީ ކުރަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް، ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ކަމަށެވެ.