އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެ ރަށު ބަނދަރުގެ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 51 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 12,105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 208 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން 1,6470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި 150 މީޓަރުގެ ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އެ މަޝްރޫއަކީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.