ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް، އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމުގައި މިވަގުތު ހުންނެވި ރައްޔިތުންގެ މަޖލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރިމަތި ލައްވަން ނިންމަވައިފިއެވެ.
އެކަން ހާމަ ކުރައްވައި ހަސަން ލަތީފް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ދަ ޑިމޮކްރެޓްސް ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމަށް އަޅުގަނޑު ނިންމައިފިން. ހުރިހާ ޑިމޮކްރެޓުންގެ ތާއީދާއި އެހީތެރިކަން ދެއްވުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ޕާޓީގެ އިންޓެރިމް ކައުންސިލުން ވަނީ ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން، އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޑިމޮކްރެޓްސް ޕާޓިގެ ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ހަސަން ލަތީފު ރޭ ވިދާޅުވި އިރު، މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް ވާދަ ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބުގެ ރަނިންމޭޓު، އެސްޓީއޯގެ ކުރީގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރުވެސް ވަނީ އެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުވެރިކަން ފާޅު ކުރައްވައިފައެވެ.
އެ ދެ ބޭފުޅުން ވެސް ޕާޓީގެ ރައީސްކަމަށް ކުރިމަތި ލައްވާނެކަން ހާމަކުރައްވާފައިވާ އިރު، ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުންވެސް ދަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.
އެގޮތުން ޕާޓީގެ ނައިބު ރައީސް (އަންހެން)ގެ މަގާމަށް ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އައިޝަތު އަލައިކާ އަދުނާން ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވައިފައެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ހޮވަންވެސް ޕްރައިމަރީއެއް ބާއްވަން ހުޅުވާލިއެވެ. ނަމަވެސް ކުރިމަތިލެއްވީ އިލްޔާސް ލަބީބު އެކަންޏެވެ. އެހެންވެ ޕާޓީ ތެރޭގައި ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު