ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ބާއްވަން އެ ޕާޓީގެ އިންޓެރިމް ކައުންސިލުން ނިންމައިފިއެވެ.

އެގޮތަށް ނިންމީ ބޮޑުފެންވަޅުގޭގައި ހުންނަ ޑިމޮކްރެޓްސްގެ އޮފީހުގައި މިއަދު ބޭއްވި އެ ޕާޓީގެ އަށްވަނަ އިންޓެރިމް ކައުންސިލު ބައްދަލުވުމުގައެވެ.

އިންތިހާބަށް ހުޅުވާލުމުން ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބުގެ ރަނިން މޭޓު ހުސެއިން އަމްރު ވަނީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވައިފައެވެ.

އިތުރު އެހެން ބޭފުޅަކު ޕާޓީގެ ރައީސް ކަމަށް ވާދަކުރާނެކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ޕާޓީގެ ނާއިބު ރައީސް (އަންހެން)ގެ މަގާމަށް ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުރި އައިޝަތު އަލައިކާ އަދުނާން ވާދަކުރައްވާނެކަން ވަނީ އިއުލާންކޮށްފައެވެ.

ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ކެންޑިޑޭޓަކު ހޮވަންވެސް ޕްރައިމަރީއެއް ބާއްވަން ހުޅުވާލިއެވެ. ނަމަވެސް ކުރިމަތިލެއްވީ އިލްޔާސް ލަބީބު އެކަންޏެވެ. އެހެންވެ ޕާޓީ ތެރޭގައި ބޭއްވީ ފެންނަ ނުފެންނަ ވޯޓެކެވެ.