ހއ. ކެލާގެ އެއް އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ، ދެ ހިދުމަތްތެރިއަކު މިއަދު މަރުވެއްޖެއެވެ.

މިއަދު އެންމެ ފުރަތަމަ މަރުވީ ކެލާގެ ކުޑަކަތީބުކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި، އެ ރަށު/ ފަރިހިގެ، އިބްރާހިމް އަފީފް އާދަމް، 69، އެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތުގައެވެ. އޭގެ ގަޑިއިރުތަކެއް ފަހުން، ހެނދުނުގެ ވަގުތުގައި މަރުވީ ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ގިނަ އަހަރުތަކެއް ވާންދެން ކުރެއްވި އެ ރަށު/ އިސްތާނާ، އަހުމަދު ފައިސަލް، 58، އެވެ. އޭނާއަކީ 36 އަހަރަށްވުރެ ގިނަ ދުވަހު ތައުލީމީ ދާއިރާއަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު "ވަން" އަށް މިއަދު ވިދާޅުވީ، މީގެ ހަ ވަރަކަށް އަހަރު ކުރިން މަސައްކަތުން ރިޓަޔާ ކުރުމަށްފަހު އަފީފާއި ފައިސަލްވެސް ދިރިއުޅެމުން ދިޔައީ މާލޭގައެވެ. މީގެ ތެރެއިން އަފީފަކީ ފައިސަލްގެ ޅިޔަނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންވެސް މަރުވީ ޑެންގޫ ހުން ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދެ މީހުންގެ ތެރެއިން އަފީފުގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހުގައި ހުޅުމާލެ ސަހަރާ މިސްކިތުގައި ކޮށްފައިވާއިރު، ފައިސަލްގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އިޝާ ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.