މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށާއި މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށް ގޯއްޗާއި ފްލެޓް ދޭ ސްކީމު ފަށައި ފޯމު ހުށަހެޅުމުގެ ފުރުސަތު މި ރިޔާސީ ދައުރުގައި ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި =އެވެ.
އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ކަންމަތީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ދައުރުގައި ގޯތިތައް ހެދުމަށްޓަކައި ހައުސިން ބޭންކެއް އުފައްދައި، ދިގު މުއްދަތުން ދައްކާގޮތަށް ލުއި ލޯނު ހަމަޖައްސަވަައިދެއްވާނެ ކަމަށެވެ. އަދި މާލޭ ރައްޔިތުން ފިޔަވައި، މާލޭގައި ދިރިއުޅޭތާ 20 އަހަރާއި 35 އަހަރު ވެފައިވާ ރަށްރަށަށް ނިސްބަތްވާ މީހުން ވެސް އެބަތިބި ކަމަށާއި އެ ފަރާތްތަކަށްވެސް ގޯއްޗާއި ފްލެޓް ލިބޭނެ ސްކީމެއް ފައްޓަވާނެ ކަމަށެވެ.
"މިގޮތަށް ތިބި މީހުންނަށް އެމީހުންގެ އަމިއްލަ ރަށުން ގޯތި ލިބުން މިހާރު ދަތި. އެއީ އެ ރަށެއްގައި ދިރިނޫޅޭތީ، ވަކި ވަރަކަށްވުރެ ދިގު މުއްދަތެއްގައި ދިރިނޫޅޭތީ ރަށަކުން ވެސް ނުލިބޭ، އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރިގޮތުން މާލެއިން ލިބުމުގައި ވެސް ހުރަހެއް އެބަހުރި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަދު މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެއްޓުމަށްޓަކައި. އޭގެ ތެރޭގައި މާލޭގައި ދިރިއުޅޭ، ދަފްތަރުގައި ޖެހިފައި 20 އަހަރަށްވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށްވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭ ހުރިހާ އެންމެންނަށް އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފުލެޓާއި ގޯތި ދޫކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.
މި ސްކީމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ، މި ދައުރުގެ ތެރޭގައި އާ ސްކީމަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށެވެ.
"މަޝްވަރާ ސްޓޭޖުގައި އޮތީ މިހާރު. މި ދައުރުގައި އެޕްލިކޭޝަނަށް ހުޅުވާލާނެ. ރައީސްވެސް އެ ވިދާޅުވީ އެގޮތަށް" އަކުރަމް ވިދާޅުވިއެވެ.
މާލެއަށް ހާއްސަ އާ ހައުސިން ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރާނެ ތަނެއް އަކްރަމް ވިދާޅެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން "ބިންވެރިޔާ" ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ވަނީ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު