ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސްކޮލާޝިޕް ފަންޑަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މި ސްކޮލަޝިޕަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން އެކައުންޓިން، ފައިނޭންޝަލް ޓެކްނޮލަޖީ، ފައިނޭންޝަލް އިންޖިނިއަރިން، ރިސްކް މެނޭޖުމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލެޓިކްސް ދާއިރާއިން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހޭނެއެވެ

ރާއްޖޭން ބޭރުގައި ކިޔަވާ އެ ކޯސްތަކުގެ ހުރިހާ ހަރަދެއް ކުރާނީ ބީއެމްއެލްއިންނެވެ. އެގޮތުން ސްކޮލާޝިޕްއަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދުވެސް ބީއެމްއެލުން ހަމަޖައްސައިދޭނެއެވެ.

ސްކޮލާޝިޕްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު [email protected] އަށް މެއިލްކުރުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.

މި ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެވެ.