ޅ. ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ކުރެންދޫ ކައުންސިލްގެ މެންބަރު ހުސައިން ޒާހިދު "ވަން" އަށް މިއަދު ވިދާޅުވީ، ރޭ 8:45 ހާއިރު ވާރޭ ވެހެން ފެށި ގޮތަށް ވާރޭ ހުއްޓާލާފައިވަނީ ފަތިހު ކަމަށެވެ. އަދި ދަންވަރު ގަޑީގައި ވަރަށް ބޯކޮށް ވާރޭ ވެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން އެ ރަށުގެ ސްކޫލު ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ގެތަކުން ކަރަންޓު ވަނީ ކެންޑިފައެވެ.
"ރަށުގެ މެދު އުތުރު ސަރަހައްދުގައި ހުރި ގެތަކަށް ބޮޑަށް ފެން ވަދެފައި މިހުރީ. ގާތްގަނޑަކަށް އެ ސަރަހައްދުގެ 90 ޕަސަންޓު ގެތަކަށް ވަނީ ފެންވަދެފައި. ބައެއް ގެތަކަކަށް އެބަހުރި އެއް ފޫޓު އުސްމިނަށް ފެން ވަދެފައި" ޒާހިދު ވިދާޅުވިއެވެ.
ޒާހިދު ވިދާޅުވީ، ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެތަކަށްވެފައިވާ ގެއްލުންތައް ބަލަމުން އަންނަ ކަމަށެވެ.
ޒާހިދު އިތުރަށް ވިދާޅުވީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއާ ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށާއި ފެންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި ދެ ގަޑިއިރެއްގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދާލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު